މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ދަރިވަރު އާމިނަތު އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައިވަނީ، މަރުހޫމްގެ ފުރާނައަށް މާތްﷲ ގެ ތަނަވަސް ރަހުމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ދަރިވަރު ދަތުރުކުރަމުން ދިޔަ ކާރާއި އިތުރު ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ވި ކާރަކީ މެލޭޝިޔާގައި ބޭނުންކުރާ މަޝްހޫރު ގްރެބް ޓެކްސީ އެޕް ބޭނުންކޮށް ނެގި ކާރެކެވެ.

މި ހާދިސާގައި ނިޔާވި ދިވެހި އަންހެން ދަރިވަރުގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އަދި ކާރުގައި އޭނާ އާއި އެކު ހުރި ދަރިވަރުގެ ފަޔަށް ވެސް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.