ހުޅުދޫ ކައުންސިލަށް ވުރެ ބޮޑު ބަޖެޓެއް މީދޫ ކައުންސިލަށް
ބްލޮކް ގްރާންޓުގެ މީދޫ ކައުންސިލަށް ޖުމްލަ 20.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، ހުޅުދޫ ކައުންސިލަށް ކަނޑައަޅާފައިވަނީ 14.5 މިލިއަން ރުފިޔާ.
އައްޑޫ ސިޓީ، ހުޅުދޫ ކައުންސިލަށްވުރެ ބޮޑު ބަޖެޓެއް މީދޫ ކައުންސިލަށް ކަނޑައަޅައިފިއެވެ.
މި އަހަރަށް ކައުންސިލްތަކަށް ކަނޑައެޅި ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބްލޮކް ގްރާންޓުގެ މީދޫ ކައުންސިލަށް ވަނީ ޖުމްލަ 20.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައެވެ. ނަމަވެސް، އެ އަވަށާ ޖެހިގެން އޮންނަ ހުޅުދޫ ކައުންސިލަށް ކަނޑައަޅާފައިވަނީ 14.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މީދޫއަށް ކަނޑައެޅި އަދަދަށްވުރެ 6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އެއް ފަސްގަނޑެއްގައި އޮންނަ، އަދި އާބާދީގެ ގޮތުން ވެސް ދާދި އެއްވަރެއްގެ މި ދެ އަވަށުގެ ކައުންސިލް ބަޖެޓުގައި މިފަދަ ބޮޑު ފަރަގެއް ހުރުމާ ގުޅިގެން ހުޅުދޫގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދެ އަވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ބަޖެޓު ކަނޑައަޅަންވާނީ ހަމަހަމަކަމާ އެކުގައެވެ.
ހުޅުދޫއަށްވުރެ ބޮޑު ބަޖެޓެއް މީދޫއަށް ކަނޑައެޅި ސަބަބާ ގުޅޭގޮތުން ކަމާބެހޭ އިދާރާއަކުން އަދި މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.