ގައުމުގެ ކުރިމަގަށްޓަކައި މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހް ކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހް ކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ގައުމުގެ ކުރިމަގަށްޓަކައި މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން އަބަދުވެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައެވެ.

ރައީސް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުންނަށް މަގުދައްކަވައިދެއްވުމުގައި މުދައްރިސުން މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށެވެ. 

މުދައްރިސުންގެ ހިދުމަތުގައި ނަމޫނާ ދައްކަވާ، ސާބިތުކަމާއެކު ދަރިވަރުންގެ ފިކުރީ ތަރައްގީއަށް ކުރައްވާ މިންނެތް މަސައްކަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުން ކުރައްވާ ހިދުމަތާއި، ވަމުންދާ ގުރުބާނީއަށް އިހުލާސްތެރިކަމާއެކު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މުދައްރިސުންގެ މުހިންމު ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި މަސައްކަތުގެ ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަކީ އެންމެމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ކުޑަކުރުމާއި، ވަޒީފާގެ މާހައުލު ރަނގަޅުކުރުމުގެ އިތުރުން، ހުރިހާ ކުދިން ޝާމިލުވާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުންވަނީ، މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ދަރިންނާއި މުޅި ގައުމުގެ ކުރިމަގު ބިނާކުރުމަށް އެޅިގެންދާ ބިންގާ ވަރުގަދަކުރުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، މުދައްރިސުންގެ އަގު ވަޒަންކޮށް، ތައުލީމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށް، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ގާބިލުކަން ބޭނުންކުރުމަށް މަގުފަހިވާނޭ ފަދަ، މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި އެންމެހައި ފަރާތްތަކުން އެއްބާރުލުން ދެއްވައި، އެކަމުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.


                    

ކޮމެންޓް 0