އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ. މިހާރު ދެ ލޭނަށް އޮތް މި މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، ޗައިނާ ކުންފުނީގެ އިންޖިނިއަރިން ޓީމެއް މިހާރު އައްޑޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެޑްވާންސް ޓީމުން ސައިޓް ގާއިމުކޮށް ޑިޕްލޯއިވުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު، މާލެއިން ގެންނަންޖެހޭ ސާމާނު އައްޑޫއަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، މި މަޝްރޫއަށް ސްރީލަންކާއިން ގެންނަ ބައެއް ތަކެތި އެ ގައުމުގައި ލޯޑުކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ އާރްޑީސީއާއެވެ.
