އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ

އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ

އައްޑޫގެ އެކި ސަރަހައްދުތަކުން އަނެއްކާ ވެސް ކަރަންޓު ކެނޑެން ފަށައިފިއެވެ.

އައްޑޫއިން އިރުއިރުކޮޅާ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ކުރިމަތި ނުވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. 

ފާއިތުވި 3 ދުވަހު އައްޑޫގެ ގުޅިފައިވާ އަވަށްތަކާއި އަދި ހުޅުމޫދީގެ ކަރަންޓުގެ ހިދުމަތަށް މި ބުރޫއަރަން ފަށާފައިވާއިރު، ފުރަތަމަ ސްޓެލްކޯ އިން ކަރަންޓު ކެނޑޭނެ ކަމުގެ ނޯޓިސްތަކެއް ފޮނުވިއެވެ. އެ ނޯޓިސްތަކުގައި ބަޔާންކޮށްފައިވާ ގޮތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ ޓްރާންސްފޯމަރެއްގެ މަސައްކަތް ކުރުމަށެވެ. 

އިއްޔެ ވެސް އައްޑޫގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން މަރަދޫފޭދޫގެ އެކި ސަރަހައްދުތަކުންނާއި ހިތަދޫގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫއަރާފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ކުރިން ޓްރާންސްފޯމަރެއްގެ މަސައްކަތް ކުރާތީ ކަރަންޓު ކެނޑިދާނެ ކަން ދުރާލާ އެންގި ނަމަވެސް ކަރަންޓު ކެނޑޭނެ ކަމަށް ފޮނުވި ނޯޓިހުގައި ބުނާ ގަޑީގެ ފަހުން ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.

އައްޑޫގައި މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯއިންނެވެ. ނަމަވެސް އެ ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް ސްޓެލްކޯގެ ރަސްމީ ބަހެއް މި ނޫހަށް އަދި ލިބިފައެއް ނުވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ސްޓެލްކޯ އިން އައްޑޫގެ ކަރަންޓުގެ ޚިދުމަތް ދިނުމާއި ރަސްމީކޮށް ހަވާލުވީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.







ކޮމެންޓް 0