ލެބޯޓަރީގައި ނުރައްކާތެރި ބެކްޓީރިއާ އެއް ލީކުވެ އެތައް ބަޔަކު ކަރަންޓީނަށް

ލެބޯޓަރީއެއްގައި ލޭގެ ޓެސްޓެއް ހެދުމަށް ތައްޔާރުވަނީ.
ލެބޯޓަރީއެއްގައި ލޭގެ ޓެސްޓެއް ހެދުމަށް ތައްޔާރުވަނީ.

ރަޝިޔާގައި ހުންނަ ރިސާޗް އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ ޒުވާން އަންހެނަކު، ނުރައްކާތެރި ބެކްޓީރިއާއެއް އެކުލެވޭ ޓެސްޓް ޓިއުބެއް ހަލާކޮށްލުމުގެ ސަބަބުން ޕްލޭގް ބަލިޖެހިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 27 ނުވަތަ 28 އަހަރުގެ ދާރިއާ އެސް ކިޔާ ލެބޯޓްރީ މުވައްޒަފެކެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާއަށް މި ބަލިޖެހުނީ ޓެސްޓްތަކަށް ސާމްޕަލް ނެގުމުގެ ތެރޭގައި ދިރޭ ބެކްޓީރިއާ ހުރި ޓެސްޓް ޓިއުބެއް އަތުން ދޫވެ ތަޅައިގެން ދިއުމުގެ ސަބަބުންނެވެ.

މި ހާދިސާއަށްފަހު ފުއްޕާމެޔަށް އަސަރުކުރާ ނިއުމޯނިއާގެ ނުރައްކާތެރި އަލާމާތްތަކާއެކު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ނަމަވެސް، ވެންޓިލޭޓަރުގައި އޮއްވައި ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެ މުވައްޒަފާ ބައްދަލުވެފައިވާކަމަށް ބެލެވޭ 197 މީހަކު ވަނީ މެޑިކަލް އޮބްޒަވޭޝަން ނުވަތަ އެކަހެރިކުރުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގެ އެކަހެރި ވޯޑުތަކުގައެވެ.

އިރްކުތުސްކް ސަރަޙައްދުގެ ގަވަރުނަރު އީގޯ ކޮބްޒެވް ހާމަކުރެއްވި ގޮތުގައި، ކަރަންޓީނުކުރެވުނު މީހުންގެ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ދައްކަނީ ނެގެޓިވްކޮށެވެ. އަދި އެއްވެސް މީހެއްގެެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވި ބައެއް އިޖުތިމާއީ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވެފައިވާކަމުގެ ތުހުމަތުގައި ޖިނާއީ ތަޙުޤީޤެއް ވަނީ ފަށާފައެވެ.

ކޮމެންޓް 0