އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. 

މި ބައްދަލުވުން ކުރިއަށްދިޔައީ އޮކްޓޫބަރު 27 އިން 28 އަށް، އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައެވެ.

އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙެވެ.

އޯއައިސީގެ މެންބަރު އަދި އޮބްޒާވަރު 46 ޤައުމަކާއި ބައިނަލްއަޤްވާމީ 8 ޖަމްޢިއްޔާއަކުން 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އޯއައިސީ ޤައުމުތަކާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.

އެގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން މި މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނު އެއް ކަމަކީ، 2023 ވަނަ އަހަރު އޯއައިސީގެ މެންބަރު ޤައުމުތަކުން އެކުލަވާލި ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ "މައްކާ އަލްމުކައްރަމާ ކޮންވެންޝަން" އަށެވެ. 

މި ކޮންވެންޝަނަކީ މަޢުލޫމާތު ބަދަލުކުރުމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ދިނުމާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ. މި ކޮންވެންޝަންގައި މެންބަރު ޤައުމުތަކުން ސޮއިކޮށް، ތަޞްދީޤުކޮށް، އެ އުޞޫލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމާއި، ދެފުށް ފެންނަ، ނަޒާހަތްތެރި ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

ކޮމެންޓް 0