ކައުންސިލްގެ އިންޒާރެއް: އިމާރާތްކުރުމުގެ މިންގަނޑުތަކާ ހިލާފަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނަން
އައްޑޫ ސިޓީގައި ކުރިއަށްގެންދާ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް އިމާރާތްކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށްދާ އަދި ކުރިއަށް ރޭވޭ އިމާރާތްކުރުމުގެ މަސައްކަތްތަކަކީ ސަލާމަތީ ގޮތުންނާއި ފެންވަރުގެ ގޮތުން ރައްކާތެރި، އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފެތޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަކީ ކައުންސިލުގެ އަމާޒެއް ކަމަށެވެ.
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގާނޫނާއި، ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2019-1002) އާ އެއްގޮތަށް އަމަލީ މަސައްކަތްތައް ގެންދިއުމުގައި ހާއްސަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އެގޮތުން، ކައުންސިލުން ދޫކުރާ އިމާރާތްކުރުމުގެ ސައްހަ ހުއްދައެއް ނެތި އެއްވެސް އަމަލީ މަސައްކަތެއް ނުފެށުމަށާއި، އެ ހުއްދައިގެ ކޮޕީއެއް ސައިޓުގެ ބޭރުގައި ފެންނާނެހެން ތަތްކޮށްފައި ބެހެއްޓުމަށް ވަނީ އަންގައިފައެވެ. އަދި އިމާރާތުގެ ސްޓްރަކްޗަރަލް ބައިތަކާއި ކުރެހުންތަކާއި ބޭނުންކުރާ ސާމާނު ގާނޫނާއި ގަވާއިދުތަކުގެ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މަސައްކަތްކުރާ ސައިޓުގައި މަސައްކަތްތެރިންނާއި ހިނގާބިނގާވެ އުޅޭ އާންމުންގެ ސަލާމަތަށް ބޭނުންވާ ފެންސު ޖެހުމާއި، ސޭފްޓީ ނެޓް ދެމުމާއި، މުދަލަށް ގެއްލުން ނުވާނެ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ. ހަމައެއާއެކު، ކޮންމެ ސައިޓެއްގައިވެސް ރަޖިސްޓްރީވެފައިވާ ސުޕަވައިޒަރަކު ނުވަތަ އިންޖިނޭރަކު މަސައްކަތް ހިނގާގޮތް ބަލަމުންދިއުމަށް ވަނީ ޝަރުތުކޮށްފައެވެ. މި އެންގުމާއި 2019-1002 ވަނަ ގަވާއިދުގެ މިންގަނޑުތަކާ ހިލާފަށް ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓުވުމާއި، އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.