ވައްކަމާއި ފޭރުމާއި މާރާމާރީ އަދި ޤަތުލު އާންމު އިތުރުވީ ޑޮލަރުގެ ފަހަތުގައި ފުލުހުން ބޭތިއްބުމުން: އައިބީ

ވައްކަމާއި ފޭރުމާއި މާރާމާރީ އަދި ޤަތުލު އާންމު އިތުރުވީ ޑޮލަރުގެ ފަހަތުގައި ފުލުހުން ބޭތިއްބުމުން: އައިބީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ޑޮލަރުގެ އަގު އުފުލޭ މައްސަލައަށް އަލިއަޅުއްވައިލައްވައިފި

ދިވެހިރާއްޖޭގައި ވައްކަމާއި ފޭރުމާއި މާރާމާރީ އިތުރުވެގެން ދިޔައީ އެމްޑީޕީގެ ވެރިކަމުގައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބޭތިއްބުމުން ކަމަށް އައިބީ މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، ޑޮލަރު އަގުބޮޑުވާ މައްސަލައަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުންނެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރަސްމީ ވާޖިބު އަދާކުރެއްވުމުގައި ނާކާމިޔާބުވެވަޑައިގެންފައިވާ ކަމަށާއި ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. މި މައްސަލައިގައި އެ ޕާޓީން ފާހަގަކޮށްފައިވާ މައިގަނޑު ހަ ކަމެއްގެ ތެރޭގައި އެމެރިކާ ޑޮލަރުގެ އަގު އުފުލެމުންދިއުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްއެޅުން ހިމެނެއެވެ. މިއަދު ކުރިއަށްދިޔަ ޖަލްސާގައި މި މައްސަލައަށް މިނިސްޓަރު މުހައްމަދު ސައީދު ޖަވާބުދާރީވެވަޑައިގެންނެވިއިރު، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އެ މައްސަލަ ފޭލްކޮށްލާފައެވެ.

މި ބަހުސްގެ ތެރެއިން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައިބީ ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައިއިރު ޑޮލަރުގެ އަގު ހުރީ 12.85 ރުފިޔާގައި ކަމަށެވެ. އެހެން ނަމަވެސް، ޑޮލަރުގެ އަގު އަރައިގެން ދިޔައީ އެ ޕާޓީއަށް އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ކޮމެންޓް 0