ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިސް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
އަދި މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ހާސިލުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމެކެވެ.
މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ނިމި، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އެ ރަށްރަށުގައި ގާއިމުކުރެވި ބޭނުންކުރަން ފެށުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމެވެ.
މި ދެ މަޝްރޫއަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ކަނޑައަޅުއްވާފައިވާ މުހިންމު ލަނދުދަނޑިތައް ހާސިލުކުރުމަށް އެޅޭ ބޮޑު ބާރެކެވެ.