މިހާރު އައްޑޫ ސިޓީގައި ހުންނެވި ރައީސް ޔާމީން ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ އަށް މިއަދު ވަޑައިގެންނެވި އިރު އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފައެވެ.
ޔާމީނާއި އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ވަފުދު ކައުންސިލަށް ޒިޔާރަތް ކުރެއްވުމުން އިސްކޮށް މަރުހަބާ ވިދާޅުވީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު އެވެ. ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނާއި އެކު ޕީއެންއެފްގެ ބައެއް ފަރާތްތަކުން ވެސް ވަޑައިގެންނެވި އިރު ސިޓީ ކައުންސިލް ދާއިރާގައި މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވައި، މޭޔަރާއި ކައުންސިލަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
ޕީއެންއެފުން ބުނެފައިވާ ގޮތުގައި ކައުންސިލާއި އެކު ރައީސް ޔާމީން އަދި ޕީއެންއެފް އިން ބޭއްވި އެ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، އައްޑޫ ސިޓީގެ ތަރައްޤީއަށާއި ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކުގެ އިތުރުން، ޤައުމުގެ މިހާރުގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަޙާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
ޔާމީން އައްޑޫ ސިޓީ ކައުންސިލާއި އެކު ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އިރު އެމަނިކުފާނުގެ ސަރުކާރުގައި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ގިނަ ބާރުތަކެއް މައި ސަރުކާރަށް ނެންގެވިއެވެ.
