"99 އަހަރަށް ހަމަ ދޭންވީ، އެއީ ވިޔަފާރި އުސޫލުން ދޭ އެއްޗެއް، މިލްކިއްޔާތެއްގެ ގޮތުގައެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ކުންފުނި "އީގަލް ހިލްސް" ކުންފުންޏަށް ރަސްމާލޭގައި ޕްރޮޖެކްޓް ހިންގުމަށް 99 އަހަރަށް ކުއްޔަށް ދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށް، އެއީ ވިޔަފާރި އުސޫލުން ދޭ އެއްޗެއް ކަމަށާއި އެ ދެނީ މިލްކިއްޔާތެއްގެ ގޮތުގައި ނޫން ކަމަށް އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކާ ގުޅިގެން ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމްދީދީ ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރަނީ އަދުގެ ސަރުކާރަށް ދެވަނަ ދައުރެއް ލިބުނަނުދީ ރައްޔިތުންނަށް ދަތިކުރުމަށް ކަމަށެވެ.

"99 އަހަރަށް ހަމަ ދޭންވީ. އެއީ ވިޔަފާރި އުސޫލުން ދޭ އެއްޗެއް. މިލްކިއްޔާތެއްގެ ގޮތުގަ ދޭ އެއްޗެއް ނޫން. އެމީހުންނަކަށް އެތަނަކީ ތިމަންމެންގެ މިލްކެކޭ ނުބުނެވޭނެ. އަދި އެތާނގަ ބޭނުންހައި ކަމެއްވެސް ނުކުރެވޭނެ." މެންބަރު ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެންބަރުން ކަންކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ކަމުގައިވިޔަސް އެހެން އެކަން ކާމިޔާބުނުވާނެ ކަމަށެވެ.

"އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު 20 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާ) ގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ރާއްޖޭގައި ހިންގުމުގެ ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި، މި މަޝްރޫއުގެ މުޅި މުއްދަތުގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ގައުމުގެ އިގުތިސާދަށް ވަންނާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް އަންދާޒަކުރެވެއެވެ. 


ކޮމެންޓް 0