"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026" (އޯއެސްއެޗް ކޮންފަރެންސް 2026) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސަކީ މަސައްކަތުގެ މާހައުލަކީ ރައްކާތެރި އަދި ދުޅަހެޔޮ ތަނަކަށް ހެދުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ކޮންފަރެންސަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި، ސިނާއަތްތަކުގެ އިސްވެރިންނާއި، ސަލާމަތީ ކަންކަމުގެ ފަންނީ މާހިރުން އަދި ކަމާބެހޭ އެހެނިހެން މުހިންމު ފަރާތްތައް އެއްތަންކޮށްދޭ ގައުމީ ފެންވަރުގެ ކޮންފަރެންސެކެވެ. 

މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލީޑަރުންނާއި، ކަމުގެ ތަޖުރިބާކާރުންނާއި، ސިއްހީ ދާއިރާގެ ފަންނީ މީހުންގެ އިތުރުން މި ދާއިރާއަށް ވަކާލާތުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

އަދި މި ބައްދަލުވުމުގެ ތެރެއިން ބައިވެރިންގެ މެދުގައި މައުލޫމާތާއި ހިޔާލު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައިފައިވެއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ރައްކާތެރިވުމުގެ ސަގާފަތެއް ބިނާކުރުން" މިއެވެ. މި ޝިއާރުގެ ދަށުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް މިހާރަށް ވުރެ ހަރުދަނާކޮށް ތަންފީޒުކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށް މި ކޮންފަރެންސްގައި މަޝްވަރާ ބަދަލުކޮށްފައިވެއެވެ. 

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކާއި ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހުރިހާ ސިނާއަތްތަކެއްގައި ދުރާލައި ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ވެސް މި ޝިއާރުގެ ދަށުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.

މި ކޮންފަރެންސް އިންތިޒާމްކުރި އޭއީއެޗްއާއި އެމްއެންޔޫއިން ވަނީ، މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދެއްކި ފަރާތްތަކަށާއި، ފެސިލިޓޭޓަރުންނަށާއި، ސްޕޮންސަރުންނަށާއި، ބައިވެރިންނަށް އަދި ކޮންފަރެންސް ކާމިޔާބުކޮށްދިނުމަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްއޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026
ކޮމެންޓް 0