ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން، ތަކުރާރުކޮށް ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ބުނީ، މިގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށެވެ.
ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެއެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުވެ، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވެއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ދަނީ ކުރިއަށެވެ.
މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް ފުލުހުން ކޮށްފައިވާ އިލްތިމާސް:
- އީމެއިލް އަކާއެކު އަންނަ، ލިންކުތަކާއި އެޓޭޗްމަންޓްތައް، އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން.
- ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމުގައިވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ، އެހެން ޒަރީއާއަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުން.
- އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން.
- އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން.
- ކޮމްޕިއުޓަރުގެ އޮޕަރޭޓިންގ ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން.
- ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް ތިޔަ އޮފީހެއްގެ އައި.ޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން.
- ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުން.
ފުލުހުންގެ ހިދުމަތުން ބުނީ، މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށެވެ. ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށްވާއިރު، މިކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބަރ ޕޯޓަލް އިން ލިބެން ހުންނާނެއެވެ.
