"މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި
ކުލަގަދަ ރަސްމިއްޔާތަކާއެކު، ހުޅުމާލޭގައި ތަރައްގީކުރި "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފިއެވެ.
ކުރިން އެސްޓީއޯ ސިޓީ ހޮޓާ އެޅުމަށް ކަނޑައެޅި ބިމުގައި ޤާއިމުކުރި މި ހޮޓާ ރަސްމީކޮށް ހުޅުއްވައިދެއްވީ، މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
މި ތަން ހުޅުވުމުގެ މުނާސަބަތުގައި މިރޭ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވެމްކޯ ސައިޓް ކައިރީގައި ބިނާކޮށްފައިވާ މަންހަޓަން ގްރޭންޑަކީ، މިހާތަނަށް މާލެ ސަރަހައްދުގައި ހުޅުވުނު އެންމެ ބޮޑު ސިޓީ ހޮޓަލެވެ. ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރި ހިމެނޭއިރު، މަތީ ފެންވަރުގެ ގިނަ ހިދުމަތްތަކަކާއި ހަތަރު ރެސްޓޯރަންޓް ހިމެނެއެވެ.
މީގެއިތުރުން، އެކި ފެންވަރުގެ ޖަލްސާތަކާއި ޙަފުލާތައް ބޭއްވުމަށް ހާއްސަ، ޖާގަ ތަނަވަސް ތިން މާލަމުގެ އިތުރުން ސްވިމިންގ ޕޫލަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ކާބޯތަކެތީގެ ހަތަރު ބްރޭންޑަކާއި، ޒަމާނީ ޖިމެއްގެ އިތުރުން ސްޕާގެ ހިދުމަތްވެސް މި ހޮޓަލުން ލިބެން ހުންނާނެއެވެ.
ބައިނަލްއަގުވާމީ 12 އެއާލައިނަކާއެކު އެއްބަސްވުންތައް އެކުލަވައިލުމަށް ހަމަޖެހިފައިވާ މި ހޮޓަލަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ.
ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހިންގުން ހަވާލުކޮށްފައިވާ މި ހޮޓަލުގައި ބައްދަލުވުންތަކާއި ހަފުލާތައް ބޭއްވުމަށް މިހާރު ވަނީ ބުކިންގ ހުޅުވާލާފައެވެ.