ވަޒީރުންގެ "އަހާ" ފޯރަމްގެ ބައްދަލުވުމެއް މާދަމާ ރޭ

ވަޒީރުންގެ "އަހާ" ފޯރަމްގެ ބައްދަލުވުމެއް މާދަމާ ރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ބައްދަލުވުމެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

މާދަމާ ރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. 

މި ބައްދަލުވުމުގައި، އެ ވަޒީރުންގެ ވުޒާރާތަކުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރާނެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވަޒީރުންގެ ކިބައިން ޖަވާބު ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. 

މި ފޯރަމްގައި އާންމުންނަށް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް އޮންނަ ސަރަހައްދަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމްގެ "އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލްކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. 

މީގެ އިތުރުން، ފޭސްބުކް އަދި އެކްސް ފަދަ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށްވެސް އާންމުންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެއެވެ. މިއީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްސީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންނަށް އޮޅުންފިލުވައިދިނުމަށް "އަހާ" ފޯރަމް ތައާރަފުކުރީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތުގެ ދަށުން، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. 

އަހާ ފޯރަމް
ކޮމެންޓް 0