ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިންޑިއާއިން 1،200 ގަސް ހަވާލުކޮށްފި

މިއީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށާއި ފެހި މުސްތަގުބަލަކަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާއިން ދިން އެހީއެއް

އިންޑިއާއިން ހަދިޔާކުރި 1،200 ގަސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
އިންޑިއާއިން ހަދިޔާކުރި 1،200 ގަސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން 1،200 ގަސް ހަވާލުކޮށްފިއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން މި ގަސްތައް ހަދިޔާކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމްއެވެ. މި ގަސްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

މި ރަސްމިއްޔާތުގައި ތިމާވެއްޓާއިބެހޭ ވަޒީރު އަލީ ޝަރީފާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ފަރާތުން ދިން މި އެހީތެރިކަމަކީ ފެހި މުސްތަގުބަލެއް ބިނާކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ގައުމީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން، މިއީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ. އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ދެ ގައުމުން ހިއްސާކުރާ އަމާޒު ވެސް މިކަމުން ދައްކުވައިދޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް
ކޮމެންޓް 0