ޒުވާނުން އަގުބޮޑެތި ކާރުތައް ގެންގުޅޭ މައްސަލަ ބަލަން ގޮވާލައިފި

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - ފޮޓޯ: މަޖިލިސް
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - ފޮޓޯ: މަޖިލިސް

އެއްވެސް މަސައްކަތެއް ނުކުރާ އަދި ވަޒީފާއަކަށް ވެސް ނުދާ ދިވެހި ބައެއް ޒުވާނުން އަގުބޮޑެތި ކާރު ގެންގުޅޭ މައްސަލަ ބަލަން ޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ނުޙައްޤުން މުދާ ހޯދުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. 

އައިބީ ވިދާޅުވި ގޮތުގައި،އެއްވެސް މަސައްކަތެއް ނުކުރާ ޒުވާނުންނާއި، ގްރޭޑް 10 ނިންމާލާފައި ތިބޭ ބައެއް ކުދިންގެ އަތުގައި އަގުބޮޑެތި ކާރުތަކާއި ބޮޑެތި މުދާ ހުންނަ ކަމަށް އޭނަ ވިދާޅުވި އެވެ.

މެންބަރުގެ ވާހަކަފުޅުގައި ވަނީ އަގުބޮޑެތި މުދާ ހޯދި ގޮތެއް ދައުލަތަށް ބެލޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި މިފަދަ ކަންކަމަކީ މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ގޭންގު ކުށްތަކާ ގުޅިފައިވާ ކަންކަންތޯ ބަލަން ޖެހޭ ކަމަށެވެ. ޚާއްސަ ގޮތެއްގައު މިއަދުގެ މުޖުތަމައުގައި އެއްވެސް ދާއިމީ ވަޒީފާއެއް ނުވަތަ ވިޔަފާރިއެއް ނުކުރާ ޒުވާނުން ކުއްލިއަކަށް ބޮޑެތި މުއްސަނދިކަން ހޯދަމުންދާތީ، އެކަންކަން ތަހުގީގުކޮށް ބެލޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުން ކޮންމެހެން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައިބީ އިތުރަށް ވިދާޅުވީ، ހަމައެކަނި މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމުން ނުފުދޭނެ ކަމަށާއި ކޮންމެ ރައްޔިތަކުވެސް އެ މީހަކު ހޯދާ މުދަލަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އެ މީހަކަށް ލިބޭ މުސާރަ އާއި އާމްދަނީއާ ނުބައްދަލު މިންވަރަކަށް ކުއްލި މުއްސަނދިކަމެއް ލިބޭ ނަމަ އެ ފައިސާއެއް ލިބުނު ގޮތް ސާފުކޮށް ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އައިބީ ވަނީ  ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާލް އަދީލް ޖަލީލު އެޕާޓްމަންޓްތަކެއް ހިފެހެއްޓުމަށް އިޝާރާތްކޮށް ކޮރަޕްޝަނުން މުއްސަނދިވި ހުރިހާ ފަރާތްތަކެއްގެ މުދަލާއި މެދު އެފަދައިން އަމަލުކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް 0