އުޅަނދުތަކުން ތިލަފުއްޓަށް ކުނި ވަކިކޮށްގެން ގެންދަން ވެމްކޯ އިން އިލްތިމާސްކޮށްފި

ތިލަފުށި. --ފޮޓޯ: ޕީއެސްއެމް
ތިލަފުށި. --ފޮޓޯ: ޕީއެސްއެމް

ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއިން ހިދުމަތްދޭނީ ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް، ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނި ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯގެ ބަޔާނުގައި ބުނީ، ތިލަފުށި ފެސިލިޓީއަށް ކުނި ގެނައުމާއި ހިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީނަމަވެސް ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް، އެއްކޮށްފައި ހުންނަކަމަށެވެ. 

މިކަމުގެ ސަބަބުން ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގޮންޖެހުންތައް ހުރިކަމަށް ވެމްކޯއިން ބުންޏެވެ.

އެހެންކަމުން، އެ ފެސިލިޓީއަށް ގެނެވޭ ކުނި ގިންތިކޮށް ވަކިކުރެވިފައި ހުންނަންވާނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުޑި، ބިއްލޫރި އަދި އެހެނިހެން ކުނި ހިމެނޭހެން ވަކިކޮށްފަ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގް ނުވަތަ ކާގޯ ނެޓް ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

ވެމްކޯއިން ބުނީ، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާނަމަ އެކަމުގެ ސަބަބުން ދޯނިފަހަރުން ކުނި ބޭލުމަށް (އޮފްލޯޑް ކުރުމަށް) ހޭދަވާ ވަގުތު ކުޑަވެ، ހިދުމަތް ހޯއްދަވާ ފަރާތްތަކަށާއި އެ ކޯޕަރޭޝަނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ވެމްކޯގެ ބަޔާނުގައި ބުނީ، ތިލަފުށި ފެސިލިޓީން ހިދުމަތްދޭނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުނި ގިންތިކޮށް، ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނި ކަމަށާއި، އަދި މި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުނުކުރާ އުޅަނދުފަހަރުގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރާނެ ކަމަށެވެ. 

މިއީ ކަނޑައެޅިފައިވާ އުސޫލުތަކަށް އަހުލުވެރިކޮށް، އެއަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް 0