34000 ރުފިޔާގެ ތަކެތި 1.7 މިލިއަން އަށް ގަނެގެން އޭއީއެޗްގެ 4 މުވައްޒަފަކަށް ދައުވާކުރަނީ
34،000 ރުފިޔާގެ ތަކެތި މާކެޓް އަގު ކަށަވަރު ނުކޮށް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް އޭސީސީން ބުނޭ

މާކެޓް އަގު ކަށަވަރު ނުކޮށް ބޮޑު އަގުގައި ލެބޯޓަރީ ތަކެތި ގަތް މައްސަލައެއްގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އިއްޔެ އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައަކީ 34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް 1،765،800 ރުފިޔާއަށް ގަތް މައްސަލައެއް ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ސ. ހިތަދޫ، ފިޔަނޫމާގޭ މުހައްމަދު ސާއިން އަހްމަދާއި، އެ ރަށު އެވެރެސްޓު އަޒީމް ލަތީފާއި، ތައުރުއްގޭ އަބްދުﷲ ވަހީދުގެ އިތުރުން ހަންހާރުގޭ ޑރ. ފާތިމަތު އަމާނީ ނަސީރުގެ މައްޗަށެވެ. މީގެ ތެރެއިން ސާއިންއަކީ ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ޕްރޮކިއުމަންޓް އޮފިސަރު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތެވެ. ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަޒީމަކީ އެ ތަކެތި ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަނެވެ. އަދި ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދާއި ޕީޑިއެޓްރީޝަން ޑރ. ފާތިމަތު އަމާނީއަކީ އެ ބިޑު ކޮމިޓީގެ ދެ މެންބަރުންނެވެ.
އޭސީސީން ބުނި ގޮތުގައި، މި މައްސަލަ ފެންމަތިވީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެންނެވެ. އެ އިއުލާނުގެ ދަށުން 40،000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ހުޅުވާލުމުން ބީލަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށާއި، އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ގަނެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ހަތަރު މުވައްޒަފުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، 517 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، އެ މުއާމަލާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އޭއީއެޗަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.