ޚަބަރު
ސިޓީ ގުރުއާން މުބާރާތް 2026 އާއި ގުޅޭ ބައްދަލުވުމެއް ބާއްވައިފި
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އައްޑޫ ސިޓީ ގުރުއާން މުބާރާތް 2026" އާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ކައުންސިލުން މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިއަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކޮށް، ސްކޫލްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމެވެ. ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތަކީ އައްޑޫ ސިޓީގައި ތަރުތީލުން ގުރުއާން ކިޔަވަން އެނގޭ މުޖުތަމައެއް ބިނާކުރުމަށާއި، ގާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ހިތްތަކުގައި ކީރި ގުރުއާނަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި މުބާރާތުގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއި، އުމުރުފުރާތަކުގެ އިތުރުން މުބާރާތް ކުރިއަށްދާނެ ތާވަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި، އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް އިންސާފުވެރިކަމާއެކު ވާދަކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ޕްރިންސިޕަލުން ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، މުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ދެވޭ އިނާމުތަކާއި، ސްކޫލްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުކުރުމަށް ދެވޭ ހާއްސަ އެވޯޑުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މުބާރާތުގެ ގަވާއިދުތައް ސްކޫލްތަކާ ހިއްސާކޮށް، ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދިނުމަށް ކައުންސިލުން ވަނީ އެއްބަސްވެފައެވެ. ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގައާއި، މާކްސް ދިނުމުގެ މިންގަނޑުތަކާ ގުޅޭގޮތުންވެސް ޕްރިންސިޕަލުންގެ ލަފާ ކައުންސިލުން ވަނީ ހޯދާފައެވެ.