އެމްޑީޕީއަށް ހިލޭ ބިން ނުދިނުމުން ރޮޒެއިނާގެ ނުރުހުން މީދޫ ކައުންސިލަށް
އައްޑޫ ސިޓީ ކައުންސިލާއި ހުޅުދޫ ކައުންސިލުން ޕާޓީތަކަށް ބިން ދޫކޮށްފައިވަނީ ހިލޭ ކަމަށް ރޮޒެއިނާ ވިދާޅުވި.

އައްޑޫ ސިޓީ މީދޫއިން ސިޔާސީ ޕާޓީތަކަށް ދޫކުރާ ބިމަށް ކުލީގެ ގޮތުގައި 5،000 ރުފިޔާ ނަގަން މީދޫ ކައުންސިލްއިން ފާސްކުރުމާ ގުޅިގެން އެ ނިންމުމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކޮށްފިއެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި، ގާނޫނުގައި ބިން ދިނުމަށް ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް އައްޑޫ ސިޓީގެ އެހެން ހުރިހާ ރަށަކުން ވެސް ބިން ދޫކޮށްފައިވަނީ ހިލޭއެވެ. އަދި ހުޅުދޫއިން ވެސް ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، މީދޫއިން އެކަނި ކުލި ނަގަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
މިކަމާ ގުޅިގެން ރޮޒެއިނާ، ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނަށް ހައްގުތައް ހޯދައިދީ، ގައުމު ބިނާކުރުމުގައި ސިޔާސަތުތައް ކަނޑައަޅައި، ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ. އެހެންކަމުން ސިޔާސީ މަސައްކަތް ކުރުމަށް ދޫކުރާ ބިމުން ކުލި ނަގާ ނަމަ، އާންމުން ބޭނުންކުރާ މައިޒާންތަކާއި ޕާކުތަކާއި ހިނގާ މަގުތަކުން ވެސް ކުލި ނަގަން ފަށަންވީ ނޫންތޯ ރޮޒެއިނާ ސުވާލު އުފެއްދެވިއެވެ. އަދި ޕާޓީތަކުން ހޯދަން އުޅޭ 5،000 ރުފިޔާއާ ނުލައި ކައުންސިލް ނުހިންގޭ ނަމަ އެއީ ނާގާބިލުކަން ކަމަށާއި، އައްޑޫ ސިޓީ ކައުންސިލާއި ހުޅުދޫ ކައުންސިލަށް އެކަން ކުރެވޭއިރު މީދޫ ކައުންސިލަށް ނުވުމަކީ އެ އަސާސީ ހައްގު ނުވިސްނުން ކަމަށް ފާހަގަކުރެއްވިއެވެ..
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ޖެއްސުމަށް މީދޫ ކައުންސިލްގެ ރައީސާއި، އެ ބިން ހިލޭ ހޯދައިދޭން ވަކާލާތުކުރާނެ ކަމަށް ވައުދުވެގެން އެމްޑީޕީ މެންބަރުންގެ ވޯޓުން ހޮވުނު އެ ޕާޓީގެ ކައުންސިލަރުން ބައިވެރިވެގެން ކުލި ނަގަން ފާސްކުރި ކުރުމަށް ވެސް ރޮޒެއިނާ ވަނީ ފާޑުވިދާޅުވެފައެވެ.