އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ 32.47 އިންސައްތަ މަސައްކަތް ނިންމާލައިފައިވާ ކަމަށް
މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސ. ހިތަދުއާއި ސ. ހުޅުމީދޫގައި ބްރައިން އައުޓްފޯލްގެ އެންކާ ބްލޮކް ކާސްޓްކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީން ބުނީ، ސ. ހިތަދުއާއި ސ. ހުޅުމީދޫގައި އާރުއޯ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ. މީގެ އިތުރުން، ފެން ރައްކާކުރާ ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި، އިމާރާތްކުރުމާއި ފިނިޝިންގެ އެހެނިހެން މަސައްކަތްތައް ވެސް އެ ދެ ރަށުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވެސް ވަނީ ދާފިފަހުން ވިދާޅުވެފައެވެ.