ކިޑްނެޕްކުރުމުގެ މައްސަލައެއްގައި ހިތަދޫ މީހަކު 15 ދުވަހަށް ބަންދުކޮށްފި

ކިޑްނެޕްކުރުމުގެ މައްސަލައެއްގައި ހިތަދޫ މީހަކު 15 ދުވަހަށް ބަންދުކޮށްފި

މީހަކު ރަހީނުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސ. ހިތަދޫ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. 

މި މައްސަލައިގައި ފުލުހުން މާލެއިން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އަނިޔާ ލިބުނު މީހާގެ ބަޔާނާއި، ހެކިންގެ ހެކިބަސް ހިމެނެއެވެ. މީގެ އިތުރުން، އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓް ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވި ގޮތުގައި، ތުހުމަތުކުރެވޭ މީހާއާއި އިތުރު ބަޔަކު ގުޅިގެން މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް، އޭނާގެ އަތުން ބައެއް ސާމާނާއި ފައިސާ އަތުލައި، އަނިޔާކޮށް ބިރުދައްކާފައިވެއެވެ. އަދި އެ ގޭގެ ކޮޓަރިއެއްގެ ތެރެއިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާ ކަމަށް ވެސް އައިއޯ ފާހަގަކުރެއްވިއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި ތުހުމަތުކުރެވޭ މީހާ ބުނީ ގަދަކަމުން މީހަކު ނުގެންދާ ކަމަށާއި، އެ މީހާ ގޮވައިގެން ދިޔައީ އޭނާގެ ރުހުމުގައި ކަމަށެވެ.

ކޮމެންޓް 0