ޚަބަރު
ރައީސްގެ މާލީ ބަޔާނާ ގުޅޭގޮތުން ފެތުރި ދޮގުތައް ފަޅާއަރައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ނުވަތަ 'އެސެޓް ޑެކްލެރޭޝަން' އާއި ގުޅޭގޮތުން އަދަދު ނޫހުގައި ޝާއިއުކުރި ޚަބަރަކާއި ގުޅިގެން ކަން ހިނގައިފައިވާ ގޮތް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ސާފުކޮށްދެއްވައިފިއެވެ.
އަދަދު ނޫހުގައި ބުނެފައިވަނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ އަހަރަކު ރައީސް މުހައްމަދު މުއިއްޒު އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅާފައިވޭތޯ އާއި އެ ހުށަހެޅުއްވި މާލީ ބަޔާން ހޯދުމަށް "އަދަދު" އިން ކުރި ސުވާލުތަކަށް މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހަދައިފި ކަމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް މިރޭ ސަރުކާރުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ނެރުއްވި މި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ އެ ހަބަރަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާނަކީ ސިއްރުކުރެވިފައިވާ އެއްޗެއް ނޫނެވެ. އެ ބަޔާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މާލީ ބަޔާން ބަލަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވެބްސައިޓުން ޕީޑީއެފް ފޯމެޓުގައި އެ ބަޔާން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި މައުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަން މީގެ ކުރިންވެސް ރައީސް އޮފީހުގެ ހަބަރެއްގެ ގޮތުގައި މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިއުލާންކޮށްފައިވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.