ޔަންގް ލީޑާސް އޮފް އައްޑޫގެ "ރަންމުތް" ޕްރޮޖެކްޓުގެ ތަމްރީނުތައް ފަށައިފި

ގަހަނާ ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދީ އައްޑޫ ސިޓީގެ އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމުގައި 12 ފަރާތަކުން ބައިވެރިވޭ.

ޔަންގް ލީޑާސް އޮފް އައްޑޫގެ "ރަންމުތް" ޕްރޮޖެކްޓުގެ ތަމްރީނުތައް ފަށައިފި

ޔަންގް ލީޑާސް އޮފް އައްޑޫއިން ކުރިއަށްގެންދާ "ރަންމުތް" ޕްރޮޖެކްޓުގެ ތަމްރީނުތައް އައްޑޫ ސިޓީގައި ފަށައިފިއެވެ. މިދިޔަ އަންގާރަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 12 ބައިވެރިން ބައިވެރިވެއެވެ.

ޕްރޮޖެކްޓް ރަންމުތުގެ މައިގަނޑު މަގުސަދަކީ ގަހަނާ ތައްޔާރުކުރުމުގެ ތަމްރީނުތައް ފޯރުކޮށްދީގެން އައްޑޫ ސިޓީގެ އަންހެނުން ބާރުވެރިކުރުވުމެވެ. މީގެ އިތުރުން، އެ ސިޓީގެ އަންހެނުންގެ މެދުގައި ވިޔަފާރިވެރިކަމުގެ ރޫހު އާލާކުރުމާއި، ސަގާފީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެންގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް މި މަޝްރޫއުގެ އަމާޒެކެވެ.

 ޔަންގް ލީޑާސް އޮފް އައްޑޫއަކީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން (އެމްޖީޖީއޭ) ގެ ދަށުން ހިންގާ ޖަމިއްޔާއެކެވެ. 2024 ވަނަ އަހަރު ގާއިމުކުރި މި ޖަމިއްޔާގެ އައްޑޫ ގޮފީގެ މައިގަނޑު މަގުސަދަކީ 16 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް، މާނަހުރި އަދި ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބާރުވެރިކަން ހޯދައިދިނުމެވެ. ހަމައެއާއެކު، މުޖުތަމައަށް ހިދުމަތްކުރުމަށާއި، ޒުވާން އަންހެނުންގެ މެދުގައި އިސްނެގުމުގެ ހުނަރުތައް އާލާކޮށް ކުރިއެރުވުމަށް އެ ގޮފިން އަންނަނީ މަސައްކަތްކުރަމުންނެވެ.  


ޔަންގް ލީޑާސް އޮފް އައްޑޫގެ ފަރާތުން ހުށަހެޅި މި ޕްރޮޖެކްޓް ވަނީ "ޕްރޮޖެކްޓް ތްރީއެލް" (ލައިފް-ލޯންގް ލާނިންގް) ކެޕޭސިޓީ ބިލްޑިންގް ގްރާންޓް ޕްރޮގްރާމަށް ވެސް ހޮވިފައިކަން ފާހަގަކޮށްލެވެއެވެ. މިއީ މުޅި އޭޝިއާ ޕެސިފިކް ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް (ޑަބްލިއުއޭޖީޖީޖީއެސް) އަށް ފްރެންޑްސް އޮފް އޭޝިއާ ޕެސިފިކް (އެފްއޭޕީޑަބްލިއު) އިން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 1999 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އެފްއޭޕީޑަބްލިއުގެ އެހީގައި ހިންގާ ޕްރޮޖެކްޓް ތްރީއެލް ތައާރަފުކޮށްފައިވަނީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އިތުރުކޮށް، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދޭ މަޝްރޫއުތަކަށް އެހީތެރިވުމަށެވެ. މި ގްރާންޓަށް އެދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކޮންމެ މެންބަރު ޖަމިއްޔާއަކަށް ވެސް އަހަރަކު އެއް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.


ޔަންގް ލީޑާސް އޮފް އައްޑޫ
ކޮމެންޓް 0