އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ވާހަކައަށް ވަޒީރު އިހުސާންގެ ރައްދެއް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ރެސިޑެންޓް ވިޒާ ނުހިމެނޭ 50 ސަފުހާގެ މުޅިން އާ ބިލެއް

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން. ފޮޓޯ: ރައީސް އޮފީސް
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން. ފޮޓޯ: ރައީސް އޮފީސް

އަދުގެ ސަރުކާރުން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އެއަށް ރައްދު ދެއްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހުސާން ވިދާޅުވީ، ގާނޫނަށް ގެންނަ އިސްލާހެއް ކަމުގައި ބަޔާންކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިޔުމަކީ އެއްވެސް އަސްލެއް ނެތް އެއްޗެއް ކަމަށެވެ. 

އަދި އެއީ އެ އިދާރާއިން އެއްވެސް އިރަކު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ އެއްވެސް ވިސްނުމެއް ވެސް ހުރި އިބާރާތްތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފުހާ ހިމެނޭ، އިމިގްރޭޝަންގެ މުޅިން އާ ގާނޫނެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަލަށް ހުށަހަޅާފައިވާ މި ގާނޫނުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމެނިފައި ނުވާނެ ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ފަދަ އެންމެހައި ރައްޔިތުންނާ ގުޅޭ ހައްސާސީ މަސައްކަތްތަކެއް ކުރާ އިދާރާއަކާ ގުޅޭގޮތުން، ހަގީގަތާ ހިލާފު މިފަދަ ދޮގު ބުހުތާނު ވާހަކަތައް ނުފެތުރުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ކޮމެންޓް 0