އައްޑޫއިން ރެޑް ޕާމް ވީވިލް ފެނި، ރުއް ބޭރުކުރުން މަނާކޮށްފި
ރުއްތަކަށް ގެއްލުންދޭ ރެޑް ޕާމް ވީވިލް ނުވަތަ ރަތްމަޑި އައްޑުއަތޮޅުގެ ބައެއް ރަށްރަށުން ފެނި، އެ އަތޮޅުން ރުއް ބޭރުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ އެ މިނިސްޓްރީން ތަންފީޒުކުރާ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2011) ގެ ދަށުން، ރާއްޖޭގެ އެހެން ރަށްތަކަށް މި މަޑި ފެތުރުން ހުއްޓުވުމަށެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، ރެޑް ޕާމް ވީވިލްއަކީ ދިވެހި ރުކާއި، ކަދުރު ރުކާއި، ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ ސޫތްޕެކެވެ. މި މަޑި ފަނީގެ މަރުހަލާގައި (ލާވާ) ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށައެވެ. ނަމަވެސް ކަނދުގެ އެތެރެއަށް ލިބޭ މި ގެއްލުން ބޭރަށް ފެންނަން ނުހުންނާތީ، އެކަން ދެނެގަނެވެނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަންނަ ފަހުން ކަމަށާއި، އޭގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، ފަހުގެ މަރުހަލާއެއްގައި މުޅި ރުއް މަރުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މަޑި ކޮންޓްރޯލްކުރުމަށްޓަކައި އައްޑުއަތޮޅުން މަޑި ފެނުނު ރަށްރަށުގެ ރުއްތަކަށް މިހާރު އިންސެކްޓިސައިޑެއް ބޭނުންކުރަމުންދާ ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މަޑި ކޮންޓްރޯލްކުރުމަށް ފެރޮމޯން ޓްރެޕްސް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
މަޑި ފެތުރުން ހުއްޓުވުމަށް އަވަހަށް މަޑިއުޅޭ ރުއްތައް ދެނެގަތުމަށާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމަށް އިލްތިމާސްކޮށް، މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް ވުޒާރާއިން ވަނީ އެދިފައެވެ.