ފޭދޫގައި ފެންބޮޑުވާ މައްސަލަ ހައްލުނުކުރެވޭތީ ސަރުކާރަށް ޝުއާއު ފާޑުވިދާޅުވެއްޖެ

ފޭދޫގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ވަގުތީ މަޝްރޫއެއް ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި

ފޭދޫގައި ފެންބޮޑުވާ މައްސަލަ ހައްލުނުކުރެވޭތީ ސަރުކާރަށް ޝުއާއު ފާޑުވިދާޅުވެއްޖެ

ދައުލަތުގެ އަހަރީ ބަޖެޓު 40 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާއިރު، އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުވެ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވެއްޖެއެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި، ފޭދޫގެ ރައްޔިތުން ތަކުރާރުކޮށް ތަހައްމަލުކުރަމުންދާ މި ދަތިތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރުން ޒިންމާދާރުކުރުވަން ޖެހެއެވެ.

ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ މަޝްރޫއެއް އިއުލާންކޮށްފައެވެ. އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އެ މަޝްރޫއުގެ ދަށުން ފޭދޫގައި ޖަންކްޝަންތައް ބަހައްޓައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑައެޅިފައިވާ މަގުތަކުގައި އައު ސިންކްޕިޓްތައް ބަހައްޓައި، މައި ޑްރެއިނޭޖް ނިޒާމާ ގުޅައިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން ފޭސްބުކްގައި ޝުއާއު ވިދާޅުވީ، މިއީ ވަގުތީ ހައްލެއް ނަމަވެސް، މީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވި، ފެންބޮޑުވުމުގެ ބިރުވެރިކަމެއް ނެތި އާއިލާތަކަށް ހަމަޖެހިލައިގެން ނިދާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހަގީގީ ތަރައްގީ ގެނެވޭނީ ސިޓީ ކައުންސިލްތައް ބާރުވެރިކުރުވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ބާރާއި ވަސީލަތްތައް އެ މުޖުތަމައުތަކަށް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޭދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ ސެޕްޓެންބަރު 15 ގައި ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ފޭދޫގެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާލުގައި ޖެހުނު އާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު
ކޮމެންޓް 0