ރައީސް އަޒުލުކުރަން ފައްޔާޒް ގޮވާލެއްވުމުން ނިޒާރުގެ ވަރުގަދަ ރައްދެއް

ޕީއެންސީގެ މެންބަރުން ކަންކުރަންވީ ގޮތް ފައްޔާޒަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ނިޒާރު ވިދާޅުވި

ރައީސް އަޒުލުކުރަން ފައްޔާޒް ގޮވާލެއްވުމުން ނިޒާރުގެ ވަރުގަދަ ރައްދެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުމަށް ޕީއެންސީގެ މެންބަރުން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކަށް، ޕީއެންސީގެ މަޖިލިސް މެންބަރު ނިޒާރު ރައްދުދެއްވައިފިއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން ނިޒާރު ވިދާޅުވީ، “ޕީއެންސީގެ މަޖިލިސް މެންބަރުން ކަންކުރައްވަންވީގޮތް ބުނާކަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަކަށް ނޭގޭނެ” ކަމަށެވެ.

ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް ވަނީ، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އެމަނިކުފާނު މަގާމުން ދުރުކުރުމަށް ވެރިކަންކުރާ ޕާޓީގެ މެންބަރުން އިސްނެގުމަށް ގޮވާލައްވާފައެވެ. ނަމަވެސް، އެ ވާހަކަތަކަށް ރައްދުދެއްވައި ނިޒާރު ވިދާޅުވި ގޮތުގައި، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އިރުޝާދު ދިނުމުގެ ފުރުސަތެއް އިދިކޮޅު ޕާޓީގެ އިސްވެރިންނަކަށް ނޯންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނައިރު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެ ޕާޓީގެ މެންބަރުން ތިބީ ރައީސް މުއިއްޒާއެކު އެއްބައިވަންތަކޮށް ކަމަށް ޕީއެންސީގެ އިސް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ބޭނުންވާއިރު، އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވަނީ މަދު ގޮނޑިކޮޅެކެވެ.

ކޮމެންޓް 0