އައިބީ ވިދާޅުވެދެއްވީ އިޖުތިމާއީ މައްސަލަތައް ހައްލުކުރަން އިހުތިރާމުކުރުން މުހިންމުކަން

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި މުޖުތަމައުގެ އަހުލާގީ ފެންވަރު ދަށަށް ގޮސްފައިވާތީ އެކަން ފާހަގަކުރެއްވި.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ

މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އެކަކު އަނެކަކަށް އިހުތިރާމުކުރުން މުހިންމު ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވެއްޖެއެވެ. 

އިބްރާހީމްދީދީ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް އިއްޔެ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އިންސާނާގެ އަބުރާއި މުދަލާއި ގެދޮރު ރައްކާތެރިކުރުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެ ބިލު ހުށަހެޅުއްވީތީ އޭނާ ވަނީ މުހައްމަދު އިސްމާއީލަށް ޝުކުރުއަދާކުރައްވާފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހީމްދީދީ ވިދާޅުވި ގޮތުގައި، ކުރީ ޒަމާނުގައި ދިވެހިން ދަތި ހާލުގައި އުޅުނު ނަމަވެސް، އޭރު ފެނުނީ މައިންބަފައިންނާއި ކާބަފައިންނާއި އަވައްޓެރިންނަށް އިހުތިރާމުކުރާ، އޯގާތެރި އަދި އެއްބައިވަންތަ މުޖުތަމައެކެވެ. ނަމަވެސް މިއަދު އެ ރިވެތި ސަގާފަތާއި އަދަބު އިހުތިރާމު އެއްކޮށް ނެތިގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި މިހާރު މަގުމަތީގައިވެސް އެއްވެސް މީހަކަށް އަބުރު ރައްކާތެރިވެގެން އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ނެތް ކަމަށާއި، ކުޑަކުދިން ގޮވައިގެން ސްކޫލަށް ދާއިރު މަގުމަތިން މައިންބަފައިންނާއި ކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ފޮޓޯ ނަގައި އާންމުކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފޭސްބުކާއި ވަޓްސްއަޕް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ޓީވީ ޝޯތަކާއި ސްޓޭޖުތަކުގައިވެސް ބިރަކާ ނުލައި ހިތުހުރި ވާހަކައެއް ދައްކައި، މީހުންގެ އަބުރަށް އަރައިގަންނަމުންދާ ކަމަށް އިބްރާހީމްދީދީ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި، މީހުންގެ ވިޔަފާރިތައް ބޮއިކޮޓުކުރުމާއި، ދެމަފިރިންގެ ދޭތެރެޖައްސައި އާއިލާތައް ރޫޅާލުމާއި، ބޭރު ގައުމުތަކުގައި ރާއްޖޭގެ އަގުވައްޓާލަން ވާހަކަދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ. މިފަދަ ނޭދެވޭ އަމަލުތަކާއި ފަސާދަތައް ނައްތާލުމަށްޓަކައި ސަރުކާރުން ރައްޔިތުންނާ ގުޅިގެން އިހުތިރާމުކުރުމުގެ ގައުމީ މަޝްރޫއެއް ފަށާފައިވާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، އިބްރާހީމްދީދީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް 0