އެންމެފަހުން ސޯބެއަށް ރަސްމީ ދިވެހިބަސް ދަސްވެއްޖެ!؟

އެންމެފަހުން ސޯބެއަށް ރަސްމީ ދިވެހިބަސް ދަސްވެއްޖެ!؟

އާންމުކޮށް ބޭނުންކުރައްވާ އައްޑޫ ބަހުރުވަ ދޫކޮށްލައްވައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުޅިންވެސް ރަސްމީ ދިވެހި ބަހުން ވާހަކަދައްކަވައިފިއެވެ. މިދިޔަ ޖޫން 6 ގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި، ޖޫން 15 ގައި މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވި ފަހުން ސޯބެ މަޖިލީހުގެ ޖަލްސާތަކުގައި އާންމުކޮށް ވާހަކަދައްކަވަމުން ގެންދެވީ އައްޑޫ ބަހުރުވައިންނެވެ.

މަޖިލީހުގައި އައްޑޫ ބަހުރުވައިން ސޯބެ ވާހަކަ ދެއްކެވުމާއި އަދި ސުވާލުކުރެއްވުމާ ގުޅިގެން މީގެ ކުރިން ވަނީ ބަހުސެއްވެސް އުފެދިފައެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ނަފުސާނީ ބަލިމީހުންނަށް ބޭނުންވާ ބޭހާއި އިންޖެކްޝަން ލިބުމުގައި ހުރި ދަތިތަކާއި، އެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީހަކާ ގުޅޭ ގޮތުން ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން، ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވަނީ އެ ސުވާލު ދޭހަވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެ ދުވަހު މިނިސްޓަރު ގީލާ އެ ދުވަހު ވިދާޅުވީ އޭނާއަކީ އައްޑޫ ބޭފުޅަކަށް ނުވާތީ މެންބަރުގެ ސުވާލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރު ގީލާއަށް ރައްދުދެއްވަމުން ސޯބެ އޭރު ވިދާޅުވީ، “އަސްލު އެހެން ވާނޭ، މާލެއަށް އައިސް މާލޭ ބަސް ދަސްކުރަމުން މިދަނީ،” ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި 8 ގައި ބޭއްވި ޖަލްސާއެއްގައިވެސް ސޯބެ ކުރެއްވި ސުވާލު ސާފުވެވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ގީލާ ދެވަނަ ފަހަރަށް ވިދާޅުވުމުން، ސޯބެ ވަނީ އެ ފަހަރު ރަސްމީ ދިވެހި ބަހުން ސުވާލުކުރައްވާފައެވެ. މި މައްސަލައިގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު އޭރު ވިދާޅުވީ، ކޮންމެ ބަހުރުވައަކުން ސުވާލުކުރި ނަމަވެސް ވަޒީރުން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ސޯބެ އައްޑޫ ބަހުރުވަ ބޭނުން ނުކުރައްވައި މުޅިންވެސް ރަސްމީ ދިވެހި ބަހުން ވާހަކަދެއްކެވީ، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ފާއިތުވި މުއްދަތުގައި މާލޭ ބަހުރުވަ ދަސްވެވަޑައިގަތުމުން ތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. 

އެހެން ނަމަވެސް އައްޑޫ ބަހުރުވަ ދޫކޮށްލައި ރަސްމީ ދިވެހި ބަހުން ސޯބެ ވާހަކަދެއްކެވި ސަބަބާއި ގޮތުން ސޯބެ އަދި ވަކި އެއްޗެއް ވިދާޅުވެފައެއްވެސް ނުވެއެވެ.

ޢަބްދުﷲ ސޯދިޤް (ސޯބެ)
ކޮމެންޓް 0