"އުއްމީދަކީ އައްޑޫގެ ކަރަންޓުގެ ހާލަތު އާއްމުން ގަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުން"

އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ކަރަންޓުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވަނީ ދެއްވާފަ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. ފޮޓޯ: ސްޓެލްކޯ

އުއްމީދަކީ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު އާއްމުން ގަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުން ކަމުގައި ސްޓޭޓް އިލެކްޓްރި ކޮމްޕެނީ ލިިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އެމްޑީ އަޒުވަރު ވިދާޅުވީ، ކަރަންޓުގެ ހިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ އައު ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތްކަމަށެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އޭގެ ސްކޯޕަށް ބަދަލު ގެނައުމާއި، މަސައްކަތް އަވަސްކުރުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު ސްޓެލްކޯއިން މަސައްކަތްކުރަމުންދާކަން އެމްޑީ އަޒުވަރު ފާހަގަކުރެއްވިއެވެ. 

އަޒުވަރު ވަނީ އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ކަރަންޓުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އާއްމުންނަށް ދެއްވާފައެވެ.

"ކަރަންޓު އިތުބާރާއެކު ލިބޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. ސްޓެލްކޯގެ ތަޖުރިބާ ބޭނުންކޮށްގެން އައްޑޫގެ ކަރަންޓުގެ ހާލާތު މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅުކުރާނަމޭ. އެ ތަފާތު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނެ." އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒުވަރު ވަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އަލުން އަނބުރާ ސްޓެލްކޯއާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ އައްޑޫގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ހިދުމަތެއް ކަށަވަރުކޮށްދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، އައްޑޫ ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ގާއިމްކުރުމަށް ހަވާލުކުރީ ޑެފިނިޓް ސޮލިއުޝަންސްއާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމާއެކު، އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެއެވެ. މިއާއެކު 20 އަހަރަށް ދަތިނުވާ ވަރަށް އައްޑޫ ސިޓީގައި ކަރަންޓު ކެޕޭސިޓީ ހުންނާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.  

ކޮމެންޓް 0