ޝެއިހް ހަސަން ލަތީފް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި

ޕާޓީން ވަކިވެވަޑައިގަތީ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި ޕާޓީގެ އެތެރޭގެ ކަންކަމާ މެދު ކަންބޮޑުވާތީ ކަމަށް ވިދާޅުވި

ޝެއިހް ހަސަން ލަތީފް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި

އައްޑޫ ސިޓީގެ ދީނީ އިލްމުވެރިޔާ ޝެއިހް ހަސަން ލަތީފް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ލަތީފް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި ޕާޓީގެ އެތެރޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ނިހާޔަތަށް ކަންބޮޑުވާތީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ހަސަން ލަތީފް ހުންނެވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، މި ސަރުކާރުގެ ދައުރުގެ ބާކީ އޮތް ބަޔާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބުކުރުމަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކުރީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. މޯލްޑިވްސް އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވާ 47 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓުން އެ ގަރާރު ފާސްކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާނަށް ވަނީ ދީފައެވެ.

މި ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމަށް ޕީއެންސީއާއި އަދާލަތު ޕާޓީން ރަސްމީކޮށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހޯމަ ދުވަހު ޓްރިބިއުންއިން ރިޕޯޓުކޮށްފައިވެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، މި ކޯލިޝަންގެ މައިގަނޑު މަގުސަދަކީ ފެހި ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ހެދުން ކަމަށެވެ.

ކޮމެންޓް 0