ރަށްރަށުގައި ދުއްވާ ތިންފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރަން ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
އަތޮޅުތެރޭގައި ދުއްވާ ތިންފުރޮޅުލީ އުޅަނދުތަކުގެ ފީ މައާފުކޮށް، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓަރީކޮށްދޭން ވަނީ ހަމަޖައްސާފައި.
ރަށްރަށުގައި ބޭނުންކުރާ ސީ3 އަދި ސީ4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ލުއިތަކެއް ދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން
ސަރުކާރުން ނިންމައިފިއެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަތޮޅުތެރޭގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތަކާ ހުރެ ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އަދި މި ފިޔަވަޅުތައް އަޅަން ނިންމީ، އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުން ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށެވެ.
މި ބަދަލުގެ ދަށުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ސީ3 އަދި ސީ4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކޮށްފައެވެ.
އެހެންކަމުން، މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި މިހާރު ރަޖިސްޓަރީކޮށްދެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މައާފުކޮށްދެވޭނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
އިމްޕޯޓްކުރިތާ ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް، އަތޮޅުތެރޭގައި ބޭނުންކުރަމުންދާ ސީ3 އަދި ސީ4 ކެޓަގަރީގެ އުޅަނދުތަކަށްވެސް ވަނީ ހައްލެއް ހަމަޖައްސައިދީފައެވެ.
އެގޮތުން، ރަޖިސްޓަރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުން ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި ރަޖިސްޓަރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ވަނީ އާންމުކޮށް އަންގައި އިއުލާންކޮށްފައެވެ.