ގައުމަށް ދިމާވެފައިވާ ބޮޑު ހަތަރު މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކަށް އޮތީ ނޭނގިފަ: ވަޒީރު އިހުސާން
މިދިޔަ ތިން އަހަރުގެ ތެރޭގައި ގައުމަށް ދިމާވެފައިވާ މައިގަނޑު ހަތަރު މައްސަލަ ހައްލުކުރުމަށް މުހިންމު ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާނެކަން ވަޒީރު އިހުސާން ފާހަގަކުރެއްވި.
ރާއްޖެއަށް ދިމާވެފައިވާ މައިގަނޑު ހަތަރު މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމަށް ނޭނގިފައި އޮތީ އެކަން ކުރުމުގެ ދުރު ވިސްނުން ނެތީމަ ކަމަށް
ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ، ފާއިތުވި ތިން އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނެރެވުނު ނަތީޖާއާ ގުޅޭ މައުލޫމާތު ދެއްވުމަށްޓަކައި މީޑިއާއެއްގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވި ހިސާބުން އެމަނިކުފާނުގެ ދުރުވިސްނުންފުޅާއެކު ފުރިހަމައަށް ކަންކަން ރޭވިގެން އިންތިޒާމުތައް ހަމަޖެހިގެން، އެންމެ ބޮޑު އިސްކަމެއްދިނީ މިއަދު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލަ ހައްލުކުރުމަށް ކަމުގައެވެ.
އެގޮތުން، ގާނޫނުތަކުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތަކާއި މެންޑޭޓުގައި ހިމެނޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ހަތަރު ކަންތައް ހާސިލުކުރައްވަން އޭނާއާ މަތިކުރެއްވީ ރައީސް ކަމަށް އިހުސާން ވިދާޅުވިއެވެ.
ވަޒީރު ދެއްކެވި ވާހަކައިގައި ވަނީ، ގައުމަށް ދިމާވެފައިވާ އެންމެ މައިގަނޑު ހަތަރު މައްސަލައަކީ ކޮބައިކަން ކިޔައިދެއްވާފައެވެ. އޭގެތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި
ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުން ފާހަގަކުރައްވާފައިވާއިރު، ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ
ގޭންގު ހަދައިގެން ކުށްކުރުން ހުއްޓުވުމެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ފާހަގަކުރެއްވިއިރު، ދެން ހަތަރު ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ކުށްކުށުގައި ކުޑަކުދިން ބައިވެރިކޮށް، ކުށުގެ ވެށީގައި ކުޑަކުދިން ޝާމިލުކޮށްގެން ގެންގުޅޭ މައްސަލަ ހައްލުކުރުމެވެ.
"މި މައިގަނޑު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހަތަރު އޮބްޖެކްޓިވް ހާސިލުކުރުމަށްޓަކައި މިވުޒާރާ ސްޓްރަކްޗާ ކުރެއްވީ. އޭގެ މާނައަކީ އެކަމާ ގުޅޭ ހުރިހާ އިދާރާތަކެއް މި ވުޒާރާގެ ދަށަށް ގެންނެވީ. އެއީ ވަރަށް ޑިފިކަލްޓް ޑިޒިޝަނެއް މީގެ ކުރީގެ ސަރުކާރުތަކަށް ނަގަން ނުކެރިފައި އޮތް." ވަޒީރު ވިދާޅުވިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އިދާރީ ހުރަސްތައް ނައްތާލައިގެން މަސައްކަތް ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެއްވުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.
އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ބޮޑު ހަތަރު މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިއީ ކުރިއަށް އޮތް ތަނުގައި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.