ޝަރަފުއްދީން ސްކޫލުގެ އީ-ބިޒް ކްލަބުން ޔަންގް އެންޓްރަޕްރެނުއަރ ފެސްޓިވަލް ބާއްވައިފި
ދަރިވަރުންނަށް ވިޔަފާރީގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް
ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގެ އީ-ބިޒް ކްލަބުން ޔަންގް އެންޓްރަޕްރެނުއަރ ފެސްޓިވަލް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ފެސްޓިވަލް ބާއްވާފައިވަނީ ދަރިވަރުންނަށް ވިޔަފާރީގެ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދައިދީ، އަމަލީ މައިދާނުގައި ކަންކަން ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. މި ހަރަކާތުގެ ތެރެއިން، ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ފޮތުގެ އިލްމު އަމަލީ މައިދާނުގައި ބޭނުންކޮށް، ވިޔަފާރިއެއް ރާވައި ހިންގުމުގެ އަސާސީ ކަންކަން ދަސްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ވަނީ ލިބިފައެވެ.
ކްލާސްރޫމުގެ ކިޔެވުމުގެ އިތުރުން އަމަލީ ތަޖުރިބާއާ ގުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަމާއި އާ ކަންކަން އީޖާދުކުރުމުގެ ހުނަރު އިތުރުވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި، މާލީ ކަންކަމަށް އަހުލުވެރިވުމުގެ ހުނަރު ދަރިވަރުން ވަނީ ތަރައްގީކޮށްފައެވެ. އަދި މައްސަލަތައް ހައްލުކުރުމާއި، ކަންކަން ނިންމުމާއި، އިތުބާރާއެކު މުއާމަލާތްކުރުން ފަދަ މުހިންމު ހުނަރުތައް ތަރައްގީކޮށް، މުސްތަގުބަލުގެ ވިޔަފާރިވެރިންނަށް ވުމަށް ދަރިވަރުންނަށް މި ފެސްޓިވަލުން ހިތްވަރު ލިބިގެންދިޔައެވެ.