ރައީސްގެ އެވޯޑާއި އެކު، އަހްމީމާ ހަނދާނަށް ގެނައީ މަންމަގެ ޤުރުބާނީ
ފޭދޫ ސްކޫލުގެ ލީޑިން ޓީޗަރު ވިދާޅުވަނީ އެ ކާމިޔާބީއަކީ މަންމަ ވެވަޑައިގެންނެވި ގުރުބާނީގެ ނަތީޖާ ކަމަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ޙާސިލްކުރެއްވި، ސ. މީދޫ / މީނާޒް، ޑރ. އަހްމީމާ ލުޠުފީ، އެ އިނާމުގެ ފަހަތުގައި ހުންނެވި އޭނާގެ މަންމައަށް ކަމަށް ބުނެފިއެވެ.
ޑރ.އަހްމީމާއަށް އެވޯޑް ލިބުނީ މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއިން 2023 ވަނަ އަހަރު މެނޭޖްމަންޓް ބިޒްނަސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާތީ އާއި ޕީއެޗްޑީގައި ކުރެއްވި ދިރާސާގައި ބައިނަލްއަޤްވާމީ ޖާނަލް އެއްގައި ޕަބްލިޝް ކުރައްވާފައިވާތީއެވެ.
އެކާމިޔާބީ އާއި ގުޅިގެން އަހްމީމާ ފޭސްބުކްގައި ބުނެފައިވަނީ، އޭނާއަށް ހާސިލުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ އިނާމު ހާއްސަކުރަނީ މަންމައަށް ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި، އެ އެވޯޑާ ހަވާލުވީ އޭނާ ކަމުގައި ވިޔަސް، އެ ކާމިޔާބީގެ ކޮންމެ ހިސާބެއްގައިމެ މަންމަގެ ހިއްސާ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑެވެ. މަންމަ ވީ ގުރުބާނީއާއި، ހޯދައިދިން ފުރުސަތުތަކާއި، ކުރި ފިކުރުތަކުގެ އިތުރުން، މަންމަގެ ހެޔޮ ދުއާއަކީ އޭނާ އެ މަގާމަށް ވާސިލުވުމުގެ އަސްލު ކަމަށްވެސް އޭނާ ބުންޏެވެ.
އަހުމީމާއަކީ އައްޑޫ ފޭދޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ އިތުރުން އެ ސްކޫލްގެ ހިސާބު ޑިޕާޓްމަންޓުގެ ހެޑެވެ. ތަޢުލީމީ ދާއިރާއިން 2001 ވަނަ އަހަރު މަސައްކަތް ފެށި އަހުމީމާ ވަނީ މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީ (އެމްއެސްޔޫ) އިން ޕީއެޗްޑީ ހާސިލްކުރެއްވުމާއި ހަމައަށް ކުރި ދިގު ދަތުރުގެ ފަހަތުގައިވާ ހަގީގީ ބާރަކީ މަންމަ ކަމަށް އަހުމީމާ ދެކެއެވެ. “ލޯބިވާ މަންމާ! އަޅުގަނޑަށް މިއަދު މިލިބުނީ ހަގީގަތުގައި މަންމައަށް ލިބުނު އެވޯޑެއް،” މަންމައަށް ޝުކުރު އަދާކުރަމުން އަހުމީމާ ބުންޏެވެ.
މަތީ ތަޢުލީމާއި ހާއްސަ ހުނަރުތަކުގެ ތެރެއިން ހިތްވަރާއެކު ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމަކީ ގައުމީ ފެންވަރުގެ ބޮޑު ޝަރަފެކެވެ. ނަމަވެސް، އަހުމީމާ ބުނާ ގޮތުގައި، އޭނާގެ ހަޔާތުގައި މަންމަގެ މުހިންމުކަމުގެ ވާހަކަ ދައްކަން ފަށާނެ ހިސާބެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ތަޢުލީމު އުނގަންނައިދިނުމަކީ އަބަދުވެސް މަންމަގެ ހުވަފެނެއް ކަމަށާއި، މާޒީއަށް ބަލައިލުމުން އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މަންމަގެ މުޅި ދިރިއުޅުން ގުރުބާންކުރި މިންވަރު އިހުސާސްކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
އެ ގުރުބާނީ ފެށުނީ އަހުމީމާގެ އެންމެ ތުއްތު އިރުއްސުރެއެވެ. އޭނާ ކިޔައިދިން ގޮތުގައި، ކުޑައިރު ރަށަށް ތަޢުލީމީ މީހަކު އައި ކޮންމެ ފަހަރަކު، ކޮންމެވެސް ގޮތަކުން އެމީހެއްގެ ގާތަށް އޭނާ ކިޔަވަން ފޮނުވުމަށް މަންމަ މަސައްކަތް ކުރިއެވެ. އުނގެނުމުގެ އެއްވެސް ފުރުސަތެއް ގެއްލިގެންދާކަށް މަންމަ ދުވަހަކުވެސް ބޭނުން ނުވި ކަމަށް އޭނާ ބުންޏެވެ. އޯލެވެލް އިމްތިހާނާ ކުރިމަތިލީއިރު، އޭނާއަށް އެންމެ ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ބައްޕަ ރަށުގައި ބަހައްޓާފައި މަންމަ މުޅި އަހަރު ދުވަސް ހޭދަކުރީ ރަށުން ބޭރުގައި ކަމަށް އަހުމީމާ ހަނދާންކުރިއެވެ.
އަހުމީމާ ފާހަގަކުރި ގޮތުގައި ބޮޑުވެ، އަމިއްލަ ދިރިއުޅުމެއް ފެށުމުންވެސް މަންމަގެ އެހީތެރިކަމަކަށް ބަދަލެއް ނައެވެ. މާސްޓާސް ހެދިއިރު ކޮލެޖަށް ގޮސް ކިޔެވުމަށް ސަމާލުކަން ދެވޭނެ ގޮތް ހެދުމަށްޓަކައި، މަންމަ ކަނޑު ހުރަސްކޮށް އައިސް އޭނާގެ ދަރިން ބަލައިދިން ކަމަށް އަހުމީމާ ބުންޏެވެ. އަދި ޕީއެޗްޑީ ހެދިއިރު، ގޭތެރޭގެ އެއްވެސް ކަމަކާ ފިކުރު ކުރުމެއްނެތި، މެލޭޝިއާއަށް ގޮސް ދިރާސާކުރުމާއި ލިޔުމުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނީވެސް ހަމަ އެ މަންމައެވެ. ކިޔެވުމަށް އެއްކޮށް ހުސްވެވޭނެހެން ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިތުރުން، ދިރާސާތައް ކުރިއަށްދާ ގޮތާއި ކިތައް ލަފުޒު ލިޔެވިއްޖެތޯ މަންމަ އަބަދުވެސް އަހައި، އެ ދަތުރުގެ ކޮންމެ ފިޔަވަޅެއް ނުހަނު ލޯތްބާއެކު ގާތުން ބެލި ކަމަށް އޭނާ ކިޔައިދިނެވެ.
މީގެ އިތުރުން އަހްމީމާ ބުނެފައިވާ ގޮތުގައި، އަމިއްލަ ނަފްސަށްވުރެ އަބަދުވެސް ދަރިފުޅަށް އިސްކަންދިން އެ ނަމޫނާ މަންމަ ވަނީ އޭނާގެ ދިރިއުޅުން ދުނިޔެމަތީގެ އުފާވެރި ބަހާރެއް ފަދަ ތަނަކަށް ހަދައިދީފައި ކަމަށާއި، މަންމަ ކޮށްދިން ކަންކަމަށް ދުވަހަކުވެސް ބަދަލެއް ނުދެވޭނެ ކަމަށް އަހުމީމާ ބުންޏެވެ. މަންމައަށް ހެޔޮ ދަރުމައާއި ދިގު އުމުރަކާއި ދުޅަހެޔޮކަން ދެއްވުމަށާއި، މަންމަ ފަޚުރުވެރިވާ ފަދަ އޯގާތެރި ދަރިއަކަށް ވުމުގެ ތައުފީޤަށް އެދި ދުއާކުރަމުން އަހުމީމާ އޭނާގެ ޝުއޫރުތައް ނިންމާލީ އެންމެ ޖުމްލައަކުންނެވެ.
“މަންމަ ދެކެ ވަރަށް ބޮޑަށް ލޯބިވޭ.”