އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާންކޮށްފި
ސ. ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަސް ރެޖިސްޓާޑް ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
ދާއިމީ ގިންތީގެ މި ފަސް މަގާމަށް ނަގާ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ އެ ހޮސްޕިޓަލުގައި ކަމަށް ވާއިރު، މި ފުރުސަތު ހުޅުވާލާފައިވަނީ ޕަބްލިކް ސާވިސް ރޭންކް 5 އަދި ރޭންކް 7 ގެ ސްޓެޕް 1 އަށެވެ.
އޭއީއެޗުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ރޭންކް 5 ގެ ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11،428 ރުފިޔާއެވެ. މީގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްގެ ގޮތުގައި 144 ރުފިޔާ ލިބޭނެއެވެ. މި ރޭންކުގެ ޝަރުތަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ، ނާސިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ.
ރޭންކް 7 ގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 13،057 ރުފިޔާ ކަނޑައަޅާފައިވާއިރު، މަގާމުގެ އެލަވަންސަށް މަހަކު 6،094 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 165 ރުފިޔާ ލިބޭނެއެވެ. މި ރޭންކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ނާސިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮންނަން ޖެހެއެވެ. މި މަގާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބަލިމީހުންނަށް ފަރުވާ ދިނުމާއި، ސިއްހީ މައުލޫމާތު ރެކޯޑުކޮށް އަދާހަމަކުރުމުގެ އިތުރުން، ރޭންކް 7 ގެ ނަރުހުން އެހެން ނަރުހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ވިލަރެސްކުރުން ހިމެނެއެވެ.
މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހު (24 ނޮވެންބަރު) އެވެ. މަގާމަށް އެދި ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ހޮސްޕިޓަލުގެ އޮފީހަށާއި އީމެއިލް މެދުވެރިކޮށް ވެސް ފޯމާއި ލިޔުންތައް ހުށަހެޅޭނެއެވެ. މި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 1 ޑިސެންބަރު 2026 އިން 17 ޑިސެންބަރު 2026 އަށް އޭއީއެޗުގައެވެ.