ޚަބަރު
އިންޓަޕޯލް ކޯހުގެ ބައިވެރިން ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކޮށްފި
މި ޒިޔާރަތުގައި ބައިވެރިން ވަނީ އެ ރަށްރަށުގެ ސަގާފަތާއި ތަރިކަ ތަޖުރިބާކޮށްފައި
އައްޑޫ ސިޓީގައި ކުރިއަށްދިޔަ އިންޓަޕޯލް ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑައިރެކްޓަރޭޓް (ސީބީޓީ) އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް (އައިޑީސީ) ގެ ބައިވެރިން، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކޮށްފިއެވެ.
މި މަހުގެ އެއްވަނަ ދުވަހު ކުރި މި ޒިޔާރަތުގައި، އެ ރަށްރަށުގެ ސަގާފަތާއި ތަރިކައިގެ އިތުރުން ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާ ބައިވެރިން ތަޖުރިބާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ އައްޑޫ ކެމްޕަހުގައި ސެޕްޓެންބަރު 27 އިން އޮކްޓޯބަރު 1 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އެ ކޮލެޖުގައި ހިންގި ފުރަތަމަ ބައިނަލްއަގުވާމީ ކޯހެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމުގައި އިންޓަޕޯލްގެ އެކި ސަރަހައްދުތައް ތަމްސީލުކުރާ 13 ގައުމަކުން 23 އޮފިސަރުން ބައިވެރިވިއެވެ.
މި ޒިޔާރަތުގެ ކަންކަން އިންތިޒާމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އައްޑޫ ޕޮލިހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި، އަސްރިއްޔާ ޕްރީސްކޫލާއި، ހުއަނގު ޖަމިއްޔާ ހިމެނެއެވެ. މީގެ އިތުރުން މަންޓާ ބީޗް ރިޓްރީޓާއި، ސ. މީދޫ ގުލޭނޫރަންމާގޭ ހައްވާ ދީދީ އަދި އައްޑޫ ޓްރެވަލް އެންޑް ޓުއާސްއިން ވެދިން އެހީތެރިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި ކޯހަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް އިންޓަޕޯލުން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. ފުލުހުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ އުސޫލުތަކާއި، ފިލާވަޅުތައް ފަރުމާކުރާނެ ގޮތްތަކުގެ އިތުރުން ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން ވަނީ އަމިއްލައަށް ފިލާވަޅުތައް ތައްޔާރުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރުތައް ތަރައްގީކޮށްފައެވެ. އަދި ބައިވެރިންގެ ޝައުގުވެރިކަން ދަމަހައްޓާނެ ގޮތްތަކާއި، ނަތީޖާ ވަޒަންކުރާނެ ގޮތްތައް ވެސް ދަސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.