ޑަބްލިއުއެޗްސީއެންގެ ބައްދަލުވުމުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިވެއްޖެ: ކައުންސިލް

ދެކުނު ކޮރެއާގެ އަންޑޮންގުގައި ބޭއްވި ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކްގައި ކައުންސިލަރު އިސްމާއިލް ސައީދު އާއި ޝިނާޒް. ފޮޓޯ: ކައުންސިލް
ދެކުނު ކޮރެއާގެ އަންޑޮންގުގައި ބޭއްވި ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކްގައި ކައުންސިލަރު އިސްމާއިލް ސައީދު އާއި ޝިނާޒް. ފޮޓޯ: ކައުންސިލް

ދެކުނު ކޮރެއާގެ އަންޑޮންގުގައި ބޭއްވި ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކް (ޑަބްލިއުއެޗްސީއެން) ގެ ދެވަނަ އާންމު މަޖިލީހުގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވެ، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެވިފައިވާކަމަށް ކައުންސިލުން ބުނެފިއެވެ. 

ކައުންސިލްގެ އޮކްޓޯބަރު 29 އިން 31 އަށް އަންޑޮންގް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެ ކައުންސިލް ތަމްސީލުކުރެއްވީ ކައުންސިލަރު ޝިނާޒްއާއި ކައުންސިލަރު އިސްމާއީލެވެ. “ބަދަލުވަމުންދާ ދުނިޔެއެއް: ދެމިގެންދާ ކަންކަން” މި ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި 19 ގައުމެއްގެ 38 ސިޓީއާއި މުއައްސަސާތަކުން 90 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ ކަމަށް ޑެއިލީ ދެގޫ ގިޔޮންގްބުކް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި، ސިޔާސަތުތަކާ ގުޅޭ ބައްދަލުވުންތަކުގައި ތަޢުލީމާއި އަޅާލުން، ސަގާފީ ތަރިކައާއި ދެމެހެއްޓެނިވި ފަތުރުވެރިކަން، އާބާދީއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިޖުތިމާއީ ބައިވެރިވުން، އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި ސިޓީތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން 23 ސިޓީއަކުން ތަޖުރިބާ ހިއްސާކުރެވިފައިވެއެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ އަގުތަކާއި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް 2026 ވަނަ އަހަރުގެ ޑަބްލިއުއެޗްސީއެން އަންޑޮންގް ގުޅިފައިވާ ގަރާރު ފާސްކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ބައްދަލުވުމުން ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށް، ރައްޔިތުންނަށް އިސްކަންދޭ ހިންގުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީ ތަރައްގީކުރުމާއި، ސަގާފީ އަމިއްލަވަންތަކަން ރައްކާތެރިކުރުމާ ގުޅޭ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާކަމަށް ވެސް ބުނެފައެވެ. 

View post on FacebookOnly public posts can be displayed. If the preview is unavailable, open the original post.


ޑަބްލިއުއެޗްސީއެންއަކީ ސިޓީތަކުގެ މެދުގައި ސިޔާސަތުތައް ހިއްސާކޮށް އެއްބާރުލުން އިތުރުކުރުމަށް އަންޑޮންގް ސިޓީން އިސްނަގައިގެން 2024 ވަނަ އަހަރު އުފެއްދި ބައިނަލްއަގުވާމީ ނެޓްވޯކެކެވެ.

ކޮމެންޓް 0