ޕީއެންސީއަށް އެންމެ ގިނަ ސޮއި ހޯއްދެވި މެންބަރުންގެ ތެރޭގައި އައިބީ

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ހަރަކާތުގައި 359 މެންބަރުން ޕާޓީއަށް އައިބީ އިތުރުކޮށްދެއްވި

ޕީއެންސީއަށް އެންމެ ގިނަ ސޮއި ހޯއްދެވި މެންބަރުންގެ ތެރޭގައި އައިބީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެންމެ ގިނަ ސޮއި ހޯއްދަވައިދެއްވި މެންބަރުންގެ ތެރޭގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ހިމެނިވަޑައިގެންފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބުރަކަށް ބަހާލައިގެން އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މެންބަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތުގައި، އައިބީ ވަނީ ޕީއެންސީގެ މެންބަރުންގެ ތެރެއިން 12 ވަނައަށް އެންމެ ގިނަ މެންބަރުން އެ ޕާޓީއަށް ވައްދަވައިދެއްވާފައެވެ.

މެންބަރުން އިތުރުކުރުމުގެ މި ހަރަކާތުގެ ތެރެއިން އައިބީ ވަނީ ޖުމްލަ 359 މެންބަރުން ޕީއެންސީއަށް އިތުރުކޮށްދެއްވާފައެވެ. ޕީއެންސީން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށް އަމާޒުހިފައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ޖެނުއަރީ 31، 2019 ގައި އުފެދުނު ޕީއެންސީއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ލައްކަ މެންބަރުން ހަމަކުރި ފުރަތަމަ އަދި ހަމައެކަނި ޕާޓީއެވެ. ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ހަތް ސިޔާސީ ޕާޓީގައި ޖުމްލަ 178،205 މެންބަރުން ތިބިއިރު، އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ހިއްސާކުރަނީ ޕީއެންސީންނެވެ. 




ކޮމެންޓް 0