ޚަބަރު
ޔާމީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ: ޔަސްރިފް
ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލައި މާލެއަށް ބާރުތައް ޖަމާކުރި ކަމަށް އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ފާހަގަކުރި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު އުވާލައި ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާތީ، އެމަނިކުފާނަށް ދައުވަތު ދީގެން ގެންނަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މިއަދު ބުނެފިއެވެ.
ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ޔަސްރިފް ބުނި ގޮތުގައި، ޔާމީންގެ ވެރިކަމަކީ ކައުންސިލްތަކުގެ ބަޖެޓާއި ވަސީލަތްތައް ނަގައި، ކައުންސިލްތަކުގެ މަސައްކަތްތައް މާލޭގައި ހުންނަ ވުޒާރާތަކަށް ބަދަލުކުރި ވެރިކަމެކެވެ. “ޔާމީނަކީ އޭނާގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް އުވާލާ ކައުންސިލް ތަކުގެ ބާރު ކަނޑާލާ މާލެއަށް އެއްމެން ޖަމާކުރުމުގެ ސިޔާސަތެއް ފާޅުގައި ގެންގުޅުއްވި އަނިޔާވެރި ވެރިކަމެއް ކުރި މީހެއް،” އޭނާ ލިޔެފައިވެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅި ކަންކަން ވެސް އޭނާ ފާހަގަކުރިއެވެ. އެގޮތުން “އައްޑޫގައި އިމާރާތް ކުރުމަށް ނިންމި ފުލެޓް ތަކުގެ އެއްބައި މާލެ ބަދަލު ކުރި” ކަމަށާއި، އެ ދުވަސްވަރު ކައުންސިލަރުންގެ މުސާރަ ކަނޑައި، އެތައް ކައުންސިލަރުންނެއް ސަސްޕެންޑްކުރި ކަމަށް ވެސް ޔަސްރިފް ބުންޏެވެ. ޔާމީންގެ ވެރިކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އިދިކޮޅު ގިނަ ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށްފައިވެއެވެ.
އެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތާމެދު ޔަސްރިފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. “އައްޑޫ ފުވައްމުލައް މާލެ ކައުންސިލަރުންނަށް ހެދި ނިކަމެތި ގޮތް މިހާ އަވަހަށް ހަނދާން ނެތުނީ ؟” ސުވާލު އުފައްދަމުން އޭނާ ލިޔެފައިވެއެވެ. އަދި “އޭނާއަށް ދައުވަތު ދީގެން ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ” ކަމަށް ވެސް ޔަސްރިފް ބުނެފައިވެއެވެ