ފޭދޫ ބޮޑު މިސްކިތް އޭސީކުރުމުގެ މަސައްކަތް ނިމިއްޖެ، ހަފްތާއެއް ތެރޭ ބޭނުންކުރަން ފެށޭނެ: އިސްމާއީލް
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިސްކިތް ބޭނުންކުރަން ފެށޭނެ ކަމަށް ކައުންސިލަރު އިސްމާއީލް ވިދާޅުވި.
އައްޑޫ ސިޓީ ފޭދޫ ބޮޑު މިސްކިތް އޭސީކުރުމުގެ މަސައްކަތް ފޭދޫގެ ކައުންސިލަރު އިސްމާއީލް ސައީދުގެ ބާރުއެޅުއްވުމާއެކު ނިމުމަކަށް އަތުވެއްޖެއެވެ.
އައްޑޫ ޕްލަސްއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު އިސްމާއީލް ވިދާޅުވީ، އެ މިސްކިތުގައި އޭސީތައް ހަރުކުރުމަށްފަހު މައި ކަރަންޓު ކޭބަލް މިހާރު އަޅާފައިވާ ކަމަށާއި، ކަރަންޓު ޕެނަލާ ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިސްކިތް ބޭނުންކުރަން ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ނުނިމި ލަސްވެގެންދިޔަ ސަބަބު ސާފުކޮށްދެއްވަމުން އިސްމާއީލް ވިދާޅުވީ، އެކަން މެދުވެރިވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ކަރަންޓުގެ ހިދުމަތް ބަދަލުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން، ކަރަންޓުގެ ކަންތައްތައް އެއް ކުންފުނިން އަނެއް ކުންފުންޏަށް ބަދަލުވުމުގެ ތެރޭގައި ހުރި އިދާރީ އިންތިޒާމުތަކާއި ފުރިހަމަކުރަންޖެހުނު އިޖުރާއަތްތަކުގެ ސަބަބުން މަސައްކަތަށް ކުޑަ ލަސްކަމެއް ކުރިމަތިވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތްތަކާ ހަވާލުވުމުގެ ރަސްމީ މަސައްކަތް ސްޓެލްކޯއިން ފެށީ ސެޕްޓެންބަރު 30 ގައެވެ. އަދި އޮކްޓޫބަރު 5 ގައި އެ ކުންފުނިން ވަނީ އައްޑޫ ސިޓީގައި ރަސްމީކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ.
މީގެ އިތުރުން ފޭދޫ ބޮޑު މިސްކިތް އޭސީކުރުމުގެ މި މަޝްރޫއަކީ ފޭދޫ ކައުންސިލްގެ މިދިޔަ ދައުރުގައި ތިއްބެވި މެންބަރުން އެކަށީގެންވާ ބަޖެޓެއް އެކުލަވާލާފައި ނުވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި އޮތް މަސައްކަތެއް ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ. ނަމަވެސް، މިހާރު އޮތް ކައުންސިލުން އިމާމުންނާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު، ކަނޑައެޅިގެންދިޔަ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށްގެންދިޔައީ ކަމަށްވެސް ކައުންސިލަރު ވިދާޅުވިއެވެ.