ޚަބަރު
ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަންގްލަދޭޝްގައި ހާއްސަ ހަރަކާތެއް
ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަންގްލަދޭޝްގައި "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ހާއްސަ ހަރަކާތެއް، އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބާއްވައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތުއެވެ. މީގެއިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިން ހިމެނޭހެން ގާތްގަނޑަކަށް 250 މެހެމާނުން ބައިވެރިވިއެވެ.
މި ހަރަކާތުގައި ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ވަނީ ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފައެވެ.
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޝިއުނީން ރަޝީދު ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމާއި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިނިސްޓަރު މިއްލަތު ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަން ވެސް އިޝްތިހާރުކުރެވުނު އިރު، މި ހަރަކާތަށް އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކުންފުނިން އެހީތެރިކަން ދީފައިވެއެވެ.