11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މަރަދޫފޭދޫ ޖާވިދު މިނިވަން ވެއްޖެ

މިނިވަންވެފައިވަނީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖަލަށްލި ސ. މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދު، އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައި. ފޮޓޯ: އޮފެންޑާސް.އެމްވީ
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖަލަށްލި ސ. މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދު، އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައި. ފޮޓޯ: އޮފެންޑާސް.އެމްވީ

ސ. ފޭދޫގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖަލަށްލި ސ. މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދު މިނިވަންވެއްޖެއެވެ.

 އޭނާ މިނިވަންވެފައިވަނީ އެ މައްސަލައާ ގުޅިގެން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

ނޮވެންބަރު 1، 2012 ގައި ފޭދޫގައި 11 އަހަރުގެ ކުޑަކުއްޖާ ދުވަސްނުފުރާ ހަތް މަހުގައި ވިހެއި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އެ ކުއްޖާ ދިރިއުޅެމުން އައި ގޭގައި އުޅޭ ފޭދޫ، ކޯޒީކޯނާ އާދަމް ސައީދު (45އ) އާއި، އާއިލީ ރަހުމަތްތެރިކަމުގައި ކޮންމެ ރެއަކުވެސް އެ ގެއަށް ގޮސް އުޅުނު ޖާވިދު (37އ) އެވެ. 

ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔަ އެ ކުއްޖާ ވިހެއި ތުއްތު އަންހެން ކުއްޖާ ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް (އެފްސީޕީޔޫ) ގެ އޭރުގެ އެކްޓިން ހެޑް ހަސަން ޝިފާން ވިދާޅުވެފައިވަނީ، 2012 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެކި ދުވަސްމަތިން ޖާވިދު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ވިހެއި ކުއްޖަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ޖާވިދު ބުންޏަސް ޑީއެންއޭ ވަނީ ޖާވިދުގެ ޑީއެންއޭއާ ދިމާވެފައެވެ. 

އެމައްސަލައިގައި ދައުލަތުން ޖާވިދުގެ މައްޗަށް އުފުލީ ކުއްޖަކާއިއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެކެވެ. އެ ދައުވާ އާއި ގުޅިގެން އޭނާގެ މައްޗަށް 4 އެޕްރީލް 2013 ގައި ވަނީ، 13 އަހަރާއި 6 މަހާއި 28 ދުވަހުގެ ހުކުމެއް އިއްވާފައެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނީ 1 ނޮވެމްބަރު 2026 ގައެވެ.

ޖާވިދު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް، އޭނާގެ ފަރާތުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ނުވަތަ އެހެން ކުޑަކުއްޖަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ދައުލަތުން އޭނާ ބަލަހައްޓަމުންދިޔުމުގެ އަމުރެއް ނެރެދިނުން އެދި ކޯޓުގައި، އެދުމުގެ ފުރުސަތު ޕީޖީ އޮފީހަށް ލިބިގެންވެއެވެ. އެހެން ނަމަވެސް އެފަދަ އަމުރަކަށް އެދުނުކަން ސާފެއް ނުވެއެވެ. 

އޮފެންޑާސް އެމްވީ ވެބްސައިޓްގައި ހިމެނޭ މައުލޫމާތަށް ބަލާއިރު، ޖާވިދު އަދިވެސް ހުރިކަމަށް ދައްކަނީ ހުޅުމާލެ ޖަލުގައެވެ. އެހެން ނަމަވެސް އެއީ ކީއްވެގެން ކަން ސާފެއް ނުވެއެވެ.

ޖާވިދުގެ އިތުރުން  ފޭދޫ، ކޯޒީކޯނާ އާދަމް ސައީދު (45އ) ގެ މައްޗަށް ވެސް މި މައްސަލައިގައި ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ. އޭނާގެ މައްޗަށް އުފުލި އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއިމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ 4 އެޕްރީލް 2013 ގައި ވަނީ، 24 އަހަރާއު 9 މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ތަންފީޒުކޮށް ނިމޭނީ 4 އޭޕްރީލް 2038 ގައެވެ. 

ކޮމެންޓް 0