ކުޅިވަރު
ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ "100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ ވަޒީރަކަށް ރާފިޢު
ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރާ ދިވެހި
ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100
ސީޓީއެފްޕީ" (100 ސެލެބްރެޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ހަރަކާތަށް، ތާއީދު
ކުރި ފުރަތަމަ ވަޒީރަކަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ
ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވެވަޑައިގެންފިއެވެ.
"100 ސީޓީއެފްޕީ" ހަރަކާތަށް،
ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއި އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ
(އެންއޯސީ) އިން ފުރިހަމަ ތާއީދު ދީފައިވާއިރު މި ހަރަކާތުގެ ދަށުން، ރާއްޖޭގެ ޕެރާ އެތުލީޓުންނަށް ހިތްވަރު
ދިނުމުގެ ގޮތުން ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ކުޅިވަރުގެ ދާއިރާގެ
މަޝްހޫރު ފަރާތްތަކާއި ބައިނަލްއަގުވާމީ ޝަހުސިއްޔަތުތަކުގެ މެސެޖުތައް ހިމެނޭ
"100 ސީޓީއެފްޕީ" ކާޑުތައް އެތުލީޓުންނާ ވަނީ ހަވާލުކޮށްފައެވެ. މި
ކާޑުތައް ލިބިގަތް ދެ އެތުލީޓުންނަކީ ދިވެހި ޕެރާ އެތުލީޓުން ކަމަށްވާ
ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމެވެ.
ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢު އާއި،
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯގެ
އިތުރުން މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު
ބައިވެރިވެވަޑައިގެންނެވިއެވެ.
"100 ސީޓީއެފްޕީ" ގެ މައިގަނޑު މަގުސަދަކީ
ޕެރާ އެތުލީޓުންގެ ހިތްވަރާއި އަޒުމާއި ކެރުން ބަލައިގަންނަ ދުނިޔޭގެ އެކި
ކަންކޮޅުތަކުގެ މީހުންނާއި މި އެތުލީޓުންނާ ދެމެދު މާނަވީ އަދި ބަދަހި ގުޅުމެއް
ޤާއިމުކޮށްދިނުމެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން
ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް
ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.