ޤުރުއާން މުބާރާތުގައި ޑްރީމް ޓައިމްގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
މުޅި މުބާރާތުން ސްކޫލްތަކުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން އެ ސްކޫލުން ވަނީ ތިންވަނަ ހޯދާފައި
އައްޑޫ ސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2026 ގައި ޑްރީމް ޓައިމްގެ ދަރިވަރުން ހޯދި ކާމިޔާބީ އެ ސްކޫލުން ފާހަގަކޮށްފިއެވެ.
ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލުން ވަނީ މި މުބާރާތުގައި ވާދަކޮށް މުޅި މުބާރާތުން ސްކޫލްތަކުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން އެ ސްކޫލުން ވަނީ ތިންވަނަ ހޯދާފައެވެ.
ވަކިވަކި ދަރިވަރުން ހޯދި ވަނަތަކަށް ބަލާއިރު، 6 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން އެ ސްކޫލުގެ ދަރިވަރު ޢާއިޝާ ޒިވީ ބިންތި ޙަސަން ޖަމާލް ވަނީ ތިންވަނަ ހޯދާފައެވެ. އަދި 12 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން ތިންވަނަ ހޯދާފައިވަނީ އެ ސްކޫލުގެ ދަރިވަރު އިސްމާޢީލް ޒަލަފް ބިން ޝަހުޒާން ޙަސަން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
މި ވަނަތަކާ ގުޅިގެން ޑްރީމް ޓައިމުން ސޯޝަލް މީޑިޔާގައި ވަނީ ސްކޫލުގެ ދަރިވަރުން ހޯދި ފަޚުރުވެރި އަދި ފާހަގަކޮށްލެވޭ ރަން ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. ސްކޫލުން ވަނީ މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ހިތްވަރުދިނުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، މުބާރާތުގައި ވާދަކޮށް ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށާއި، އެ ކާމިޔާބީގެ ފަހަތުގައި ތިއްބެވި އެންމެހައި މުދައްރިސުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތަށް ސާބަހާއި ޝުކުރު ދަންނަވާ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކުރައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރެއްވުމަށް އެދި އެ ސްކޫލުން ވަނީ ހެޔޮ ދުއާކޮށްފައެވެ.