އެގްރޯނެޓްގެ ހިންގުން ހަރުދަނާކުރުމަށް އެމްޑީ ސިނާން މިފްކޯއާއި މަޝްވަރާކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސިނާން އާއި މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް. ފޮޓޯ: މިފްކޯ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސިނާން އާއި މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް. ފޮޓޯ: މިފްކޯ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން އެ ކުންފުނީގެ  މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސިނާން މިއަދު އެގްރޯނެޓްގެ ޗެއާމަން އަދި މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އާއި މަޝްވަރާކޮށްފިއެވެ.

މިފްކޯއިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ކުންފުނީގެ މަސައްކަތްތައް އެއްގޮތްކުރުމަށް ބޭނުންވާ މަގުޗާޓުތައް އެކުލަވާލުމާއި، މިފްކޯގެ ދަށުން އެގްރޯނެޓް ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އަމާޒުތައް ވަނީ ކަނޑައަޅާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ގުޅިގެން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް އަނަސް އަދި އެމްޑީގެ މަގާމަށް ސިނާން އައްޔަންކުރަން މިފްކޯގެ ބޯޑުން ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ. ސިނާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅެކެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، އެގްރޯނެޓް މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ދަނޑުވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމެވެ.

އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މިފްކޯގެ ދަށަށް އެ ކުންފުނި ބަދަލުކުރުމާއެކު، މާލޭގައި ތަރައްގީކުރާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކާ މާރުކޭޓު ހިންގުން ވެސް މިފްކޯއާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް 0