މަސްތުވާތަކެތި ގެންގުޅުނު ހިތަދޫ މީހަކު 15 ދުވަހަށް ބަންދުކޮށްފި

ކޯޓުގައި އޭނާ ބުނެފައިވަނީ އެ ތަކެއްޗަކީ އަމިއްލަ ބޭނުމަށް ގެންގުޅުނު ތަކެތި ކަމަށް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތި ތަކެއް. ފޮޓޯ: ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތި ތަކެއް. ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސ. ހިތަދޫ މީހަކު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.

 
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން، ހެކީގެ ނިސްބަތަށް ބަލާއިރު ތުހުމަތުގައި ބަންދުގައިވާ މީހާ ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ހިމެނޭ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ބަންދު މަޖިލީހުގައި ވާހަކަދައްކަމުން، ތުހުމަތުކުރެވޭ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ އަމިއްލައަށް ބޭނުންކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ. ފުލުހުން ހުށަހެޅި ހެކިތަކަށާއި އޭނާގެ ބަހަށް ރިއާޔަތްކުރުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޮމެންޓް 0